ފޭކު ސެޓުފިކެޓުތަކާއި ފޯޖު ސަނަދުތައް ހުއްޓުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އަށް ހުރި ގޮންޖެހުންތައް އޮޅުންފިލުވުމަށް އެ އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ ރާއްޖޭގައި ފޭކު ސެޓުފިކެޓުތަކާއި ސަނަދުތައް އިތުރުވަމުންދާ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ބަޔާންކުރައްވާފައެވެ. ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދަރިވަރުންނަށް ލިބެންޖެހޭ ފުރިހަމަ އިލްމާއި ހުނަރު ނުލިބި ހަމައެކަނި ރަމްޒީ ސަނަދެއް ލިބުމާއި، ކިޔަވައިދޭ މާއްދާތައް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ މިންގަނޑުތަކަށް ނުފެތުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
މީގެ ސަބަބުން ސަނަދެއް އޮތް ނަމަވެސް މަސައްކަތަށް ބޭނުންވާ އަމަލީ ހުނަރު މުވައްޒަފުންގެ ކިބައިގައި ނުހުންނާތީ، ތައުލީމީ މަރުކަޒުތަކުން ނިކުންނަ ދަރިވަރުންނާމެދު ވަޒީފާދޭ ފަރާތްތަކުގެ އިތުބާރު ކުޑަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި އެއްވެސް އަގެއް ނެތް ސަނަދެއް ހޯދުމަށް ދަރިވަރުން ބުރަ މަސައްކަތުން ހޯދާ ފައިސާ ހަރަދުކުރަން ޖެހުމުގެ ސަބަބުން، ރާއްޖޭގެ މަތީ ތައުލީމީ ނިޒާމުގެ އަގުވެއްޓި، ބޭރު ގައުމުތަކުން ރާއްޖޭގެ ސަނަދުތައް ބަލައިނުގަންނަ ހާލަތަކަށް ގޮސްދާނެ ކަމުގެ ބިރު އޮތްކަމަށްވެސް ކުޑޫ ވިދާޅުވިއެވެ.
އެހެންވެ، މި މައްސަލަ ހުއްޓުވުމަށްޓަކައި ދަރިވަރުންނާއި، މަޖިލީހާއި އަދި އެމްކިއުއޭ ގުޅިގެން ކުރެވިދާނެ ކަންކަން ހޯދުމަށް، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެމްކިއުއޭގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް