ރާއްޖޭގައި ފޭކު ސަނަދުތައް ގެންގުޅުމާއި ސަނަދު ފޯޖުކުރުން އިތުރުވަމުންދާތީ، އެއީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ކުޑޫގެ، މައިގަނޑު ހުށަހެޅުމަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް އެ އިދާރާގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމެވެ. ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ސައްހަ ނޫން ސަނަދުތައް ގިނަވުމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އޮތް އިތުބާރު ގެއްލި، ވަޒީފާގެ ބާޒާރުގައި ހުނަރުވެރިކަން ކުޑަ މުވައްޒަފުން އިތުރުވުމުގެ ބިރު އެބައޮތެވެ.
އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސަނަދުތަކުގެ އަގުވެއްޓި، ބޭރު ގައުމުތަކުން ދިވެހި ސަނަދުތައް ބަލައިނުގަތުމުގެ މައްސަލަ ކުރިމަތިވެދާނެކަމަށް ކުޑޫ ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ކުޑޫ ހުށަހެޅުއްވި ކަންކަން:
- އަދަބު ހަރުކަށިކުރުން: މިހާރު އޮންނަ 10,000 ރުފިޔާގެ ޖޫރިމަނާ އާއި 1-2 އަހަރުގެ ޖަލު ހުކުމުގެ ބަދަލުގައި، މިއީ ޖިނާއީ ބޮޑު ކުށަކަށް ހަދައި އަދަބު ބޮޑުކުރުން
- .ނަން ހާމަކުރުން: ފޭކު ސަނަދު ދޫކުރާ ފަރާތްތަކާއި އެ ބޭނުންކުރާ މީހުންގެ ނަން އާންމުކުރުން
- ޓެކްނޮލަޖީގެ ބޭނުން ހިފުން: ބްލޮކް ޗެއިން ޓެކްނޮލަޖީ މެދުވެރިކޮށް ސަނަދުތައް ބަދަލުނުކުރެވޭނެ ގޮތް ހެދުމާއި، ކޮންމެ ސަނަދެއްގައި ކިއުއާރް ކޯޑެއް ހިމެނުން.
- ގައުމީ ރަޖިސްޓްރީ: އެމްކިއުއޭ އިން ގަބޫލުކުރާ ހުރިހާ ސަނަދެއް ފެންނާނެ އޮންލައިން ނިޒާމެއް ގާއިމުކުރުން.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް