ކައުންސިލްތަކަށް ލިބޭ އެހީގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ހިލޭ އެހީގެ މިންވަރު އިތުރުކުރުމަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން، ފޮނުވި މިބިލު މަޖިލީހަށް ހުށަހަޅުއްވާނީ، ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލްއަޒީޒެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ސަރުކާރުގެ ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށް ހިއްސާ ކުރަންޖެހޭ އިންސައްތަ ފަސް ޕަސެންޓުން 10 ޕަސެންޓަށް އިތުރުކުރުމާއި ހިލޭ އެހީގެ ފައިސާ ކައުންސިލްތަކަށް ދޫކުރުމުގެ އުސޫލު ހަރުދަނާ ކުރުން ކަމަށެވެ.
ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ގާނޫނުގައި ކަނޑައެޅުންވެސް ގާނޫނަށް މި އިސްލާހު ގެނައުމުގެ މަގުސަދު ތެރޭގައި ހިމަނާފައިވެއެވެ.
މި ބިލުގައި ބުނެފައިވަނީ ހިލޭ އެހީގެ ފައިސާ ކައުންސިލްތަކަށް ދޫކުރަންވާނީ، އެއްވެސް ގާނޫނެއްގެ ދަށުން ކައުންސިލްތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ނުދައްކާ ވާނަމަ، އެ ޓެކުހެއްގެ ފައިސާ އުނިކުރުމަށް ފަހު ބާކީވާ އަދަދު ކަމަށެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ފައިސާ، އެ އަހަރު ތެރޭގައި ދައުލަތުގެ ކޭޝްފްލޯއަށް ބަލައި، އެ ކައުންސިލްތަކަށް ދޫކުރަން ވާނެ ކަމަށާއި ހިނގަމުންދާ މަހެއްގެ ހިލޭ އެހީއަށްވާ ފައިސާ ދޫކުރާނީ ފާއިތުވި މަހަށް ނިސްބަތްވާ ބައެއް ލިޔުންތައް ހުށަހެޅުމުން ކަމަށް ވެސް ބުނެފައިވެއެވެ.
އެ ލިޔުންތަކަކީ، އެ މަހެއްގެ ހަރަދު ރިޕޯޓް، އެ މަހެއްގެ އާމްދަނީ ރިޕޯޓް، ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓުގެ ސްޓޭޓްމަންޓްތައް، ކައުންސިލުން އެކި ފަރާތްތަކަށް ދައްކަން ޖެހި އެހާތަނަށް ދައްކާފައި ނުވާ ފައިސާ އާއި އެކި ފަރާތްތަކުން ކައުންސިލަށް ލިބެން ޖެހި، ލިބިފައި ނުވާ ފައިސާގެ އަދާހަމަ ސްޓޭޓްމަންޓުގެ އިތުރުން އެ ގާނޫނުގެ ދަށުން ބަޔާން ކުރާ އެ ނޫންވެސް ލިޔުންތައް ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް