އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އެ ދުވަހު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ 2027 ވަނަ އަހަރުގެ ބަޖެޓްގެ އެންމެހާ އަސާސްތައް ބައްޓަން ކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވުރު ހާސިލުކުރެވޭނެފަދަ ގޮތަކަށް ކަމަށެވެެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓަކީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާ އަޅައި ބަލާއިރު 4.5 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.
މިއަހަރަށް ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުުމުން، ބަޖެޓް އިތުރަށް ދިރާސާ ކުރުމަށްޓަކައި، މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ފޮނުވިއެވެ.
އެ ކޮމިޓީން ބަޖެޓް ދިރާސާކުރުމުގައި އެކި މުއައްސަސާތަކާ މަޝްވަރާކުރެއްވިއެވެ. އޭގެ ތެެރެއިން ހުރިހާ މިނިވަން މުއައްސަސާކުން، އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރެވޭވަރަށްވުރެ، އެ ފަރާތްތަކަށް ހިމަނާފައިވާ ބަޖެޓް ކުޑަ ކަމަށާއި، އެ ފަރާތްތަކުން ފޮނުވި މިންވަރަށްްވުރެވެސް ބަޖެޓް ކުޑަކަމުގެ ޝަކުވާކޮށް، ބަޖެޓް އިތުރުކޮށްދިނުމަށް އެދުނެވެ.
ނަމަވެސް މިމަހު 19 ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުން، ބަޖެޓް ފާސްކޮށް މަޖިލިސް ތަޅުމަށް ރިޕޯޓް ފޮނުވީ އެއްވެސް ބަދަލެއް ނުގެނެސް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ގޮތަށެވެ.
އެކަމާ ގުޅިގެން 23 އިސްލާހެއް ބަޖެޓަށް މެންބަރުން ހުށަހެޅުއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ފޮނުވިގޮތަށް ބަޖެޓް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުުމުގެ ކުރިން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 23 އިސްލާހެއް މެންބަރުން ބަޖެޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް ގަވާއިދުގެ 36 ވަނަ މައްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަަ ވަނީ އެ އިސްލާހުތަކުގެ ތެރެއިން ހަތް އިސްލާހުގެ ކަމަށެވެ. އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އިސްލާހުތަަކަށް ވޯޓަށް އެއްސެވިއެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީ މެންބަރުން ހުށަހެޅުއްވި މި އިސްލާހުތަކުގެ ތެރެއިން އެއްވެސް އިސްލާހެއް ފާހެއް ނުކުރިއެވެ.
އެހެންކަމުން ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ގޮތަށް ބަޖެޓް ފާސް ކުރަން ފެނޭތޯ، ރިޔާސަތުން ވޯޓަށް އެއްސެވިއެވެ.
އެ ވޯޓުން ބަޖެޓް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެރެއިން 65 މެންބަރުް ވޯޓު ދެއްވައިގެންނެވެ. ބަޖެޓް ފާސްކުރަން ނުފަންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ.
މިއަދު ފާސްކުރި ބަޖެޓްގައި، ޖުމްލަ ހަރަދުގެ ގޮތުގައި ދައުލަތުން ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 42.7 ބިލިއަން ރުފިޔާ ހިމެނެނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައެވެ.
ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނައިފައެވެ.
އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.
މިއީ މި ހިނގާ 2026 ވަނަ އަހަރާ އަޅައި ބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާކުރެވޭ އިރު، 2028 ވަނަ އަހަރު، 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ބަޖެޓްގައި ހިމެނޭ މުހިއްމު ބައިތައް:
-
- ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު:52.6 ބިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
- ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު: 9.8 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
- ދަރަނި:161.3 ބިލިއަން ރުފިޔާ
- ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ
އިބްރާހިމް ޒަކީ
ކޮމެންޓް