ޓީއެމްއޭގެ ސީޕްލޭނެއް ޓެކްސީކުރުމުގެ ތެރޭގައި ކަނދެއް ހަލާކުވެ އަޑިއަށްދިއުމުގެ ހާދިސާގައި އަނިޔާވި ކެބިން ކްރޫ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ސީޕްލޭންގެ ކެބިން ކްރޫއަށް އަނިޔާވީ ސީޕްލޭނާއި ޑޮކްއާ ދޭތެރޭ ފިތިގެންނެވެ.

އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ހޮސްޕިޓަލުގެ އަދި ޓީއެމްއޭގެ ރަސްމީ ބަހެއް ލިބިފައިނުވާތީ، އަނިޔާގެ ފުރިހަމަ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއަައިއޭ)ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓީއެމްއޭ އިން ދުއްވާ ބޯޓެއް ޓެކްސީކުރުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާކަން ކަށަވަރުކޮށްދޭ ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސް (އޭއީއެސް) އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމް އިން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން ކުރިއަށްދާ ކަމަށާއި މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންގެންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު އޭގައި ފަސިންޖަރުންވެސް ތިއްބެވެ. ނަމަވެސް އޭގެން މީހަކަށް އަނިޔާއެއް ނުވެއެވެ.