ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްގީކޮށް ވަސީލަތްތައް ފުޅާކުރުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކޮށްފިއެވެ.
އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ގޭޓްވޭއިން އޮގަސްޓު 11 ގައި އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އައު ޓާމިނަލާއެކު އިތުރުވި ޖާގައިގެ ސަބަބުން ވީއައިއޭއިން މިހާރު ބައިނަލްއަގުވާމީ 40 އަށްވުރެ ގިނަ މަންޒިލަށް ދަތުރުތައް ގުޅާލަދޭ ކަމަށެވެ. އަދި އެ ކުއާޓަރުގައި 17،508 ފްލައިޓް މޫވްމަންޓާއެކު 1،882،964 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައި ބަލާއިރު 3.2 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ ވީއައިއޭގެ ތަރައްގީގެ އެންމެ މުހިންމު އެއް މަޝްރޫއަކީ 26 ޖުލައި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި އާ ބައިނަލްއަގުވާމީ ޕެސެންޖާ ޓާމިނަލް (ޓާމިނަލް 1) ކަމަށެވެ.
މީގެ އިތުރުން، ފެބުރުވަރީ 17 ގައި ހުޅުވި ޓާމިނަލް 2 އާއެކު އެތެރޭގެ އުދުހުންތަކަށް ފަސޭހަތަކެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކާ އޮތް ދަތުރުފަތުރުގެ ގުޅުން ހަރުދަނާކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ ވައިގެ މަގުން މުދާ އުފުލުމުގެ ދާއިރާއިން، ސީ-ޓު-އެއާ ކާގޯ އިނީޝިއޭޓިވްގެ ދަށުން ޖެނުއަރީ 15، 2024 ގައި އިމްޕޯޓް ކާގޯގެ ހިދުމަތް ފަށައި 11 އޮގަސްޓު 2024 ގައި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ. އެއާއެކު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވައިގެ މަގުން މުދާ އުފުލުމުގެ ފުރުސަތުތައް ފުޅާކުރުމުގެ ގާބިލުކަން އެއާޕޯޓަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ 7 ނޮވެމްބަރު 2024 ގައި ހިދުމަތްދޭން ފެށުނު އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައެއް ފުޅާކުރެވި ހަރުދަނާ ކުރެވިފައިވާ ކަމަށެވެ. އަދި 27 ޖޫން 2024 ގައި ހުޅުވުނު އާ ފަަޔާ ސްޓޭޝަނުގެ ސަބަބުން ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުވިފައިވާ ކަމަށްވެސް ބުންޏެވެ.
އަލީ ޔާމިން
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ކޮމެންޓް