ދިރާގު ދިވެހި ޕްރިމިއާ ލިގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި އޮޑިން ޓީސީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ އެ މެޗަކީ ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ލީގު ފެށި ފުރަތަމަ މެޗެވެ.
މަހެއްހާ ދުވަސް ފަހުން އިއްޔެ ލީގު ފުޓުބޯޅަ ފަށާފައިވާ އިރު، އިއްޔެ ހޯދި މޮޅާއެކު އޮޑިން ހަތަރު ވަނަ އަށް ޖެހިލީ ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފަސް މެޗުން 11 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވެއެވެ. އި
އްޔެ ކުޅުނު މެޗުގައި ލީޑުނެގީ ޓީސީންނެވެ. ޓީސީއަށް ގޯލް ޖަހައިދިނީ މުހައްމަދު ދާނިޝް އިބްރާހިމް އެވެ. މެޗުގެ 33 ވަނަ މިިނިޓްގައި އޭރިއާތެރެއަށް، ޓީސީގެ އާދަމް ޝަހީމް (އާނާ)، މަތިން ހުރަސްކޮށްލި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ދާނިޝް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.
ޓީސީން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، އޮޑިން ނަތީޖާ ހަމަހަމަކުރިއެވެ. އެއީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން އޮޑީގެ ބްރެޒިލް ފޯވާޑް ހަޑްސަން ޑިއާޒް ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފަހު މިނިޓްގައި އޮޑިން ވަނީ ލީޑުނަގައިފައެވެ. އެގޯލް ޖެހީ އޮޑީގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މުޒްދާން ހަސަންއާއި އިއްބެގެ ވަން ޓޫއަކަށްފަހު، އިއްބެ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ދާގަނޑަށެވެ.
ދެވަނަ ހާފުގައި، މެޗުގެ 66 ވަނަ މިނިޓްގައި އޮޑިން އިތުރު ގޯލެއްވެސް ޖެހިއެވެ. އޭރިއާތެރެއަށް އަހުޒަމް ރަޝީދު (އަހު) ނަގައިދިން ހުރަހަކުން ވެއްޓިގެންފައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން އެ ގޯލްވެސް ޖެހީ ހަޑްސަން އެވެ.
ކޮމެންޓް