އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން މިހާރު އެމެރިކާގެ ކޯޗުކަމުގައި ހުރި މައުރީސިއޯ ޕޮޗެޓީ ތައްޔާރު ކަމަށް ނޫސްތައް ބުނެފިއެވެ.

މައިކަލް ކެރިކް މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާ ހަވާލުވެ، އެެ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް، މިހާތަނަށް މި ސީޒަނުގައި ފެންނަނީ ދަށްކޮށެވެ. މުޅި ސީޒަނުގައި ކުޅުނު 15 މެޗުން އެޓީމަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ. ލީގުގައި ކުލުނު 10 މެޗުގެ ތެރެއިން މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވެ، ފަސް މެޗުން އެއްވަރުވެފައި އޮތް ޔުނައިޓެޑް މިވަގުތު އޮތީ 18 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯންގައެވެ.

ހަބަރުތައް ބުނެފައި ވަނީ ޔުނައިޓެޑުން ކެރިކް ވަކިކުރަން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ނިންމުން ނިންމަން ވާހަކަ ދައްކާފައިވެސް ވާ ކަމަށެވެ.

މިދިޔަ ވޯލްޑް ކަޕަށް އެމެރިކާއާއެކު ނުކުމެ، ޕޮޗެޓީނޯ އެޓީމަށް ކުރިއެރުންތަކެއް ހޯދައިދީފައިވާ އިރު، ހަބަރުތައް ބުނީ ޕޮޗެޓީގެ އެއްބަސްވުމުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވާން މަސައްކަތް ކުރާ އިރު، އޭނާގެ ރިލީސް ފީއަކަށް 10 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ ކަމަށެވެ. އެ އަދަދާ ދޭތެރޭ ސީދާ ގޮތެއް ނިންމަން ޔުނައިޓެޑާއި އެމެރިކާގެ އޮފިޝަލުން ބައްދަލުކުރަން ނިންމާފައިވާ ކަމަށްވެސް ބައެއް ނޫސްތައް ބުނެފައިވެއެވެ.

އެމެރިކާއަށް މިހަފުތާ ތެރޭގައި ކޮންކެކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ލެގު ކުޅެން އޮތް އިރު، އެމެޗުތަކުގައިވެސް ޕޮޗެޓީނޯ ނުހުރެދާނެއެވެ. ހަބަރުތައް ބުނީ ޕޮޗެޓީ އަމިއްލައަށް އެދިގެންވެސް ޔުނައިޓެޑާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ.

އުމުރުން 54 އަހަރުގެ ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގު ފައިނަލަށްވެސް ގޮސްފައެވެ. އަދި އޭގެފަހުން އޭނާ ޗެލްސީއަށްވެސް ކޯޗުކަން ކޮށްދީފައިވެއެވެ. އޭގެ އިތުރުން ޕޮޗެޓީނޯ ވަނީ ޕީއެސްޖީއާއި ސައުތުހެމްްޓަންއަށްވެސް ކޯޗުކަން ކޮށްދީފައެވެ.