ދުނިޔެ ހޫނުވުމަށް މެދުވެރިވާ ތެލާއި ގޭސް ބޭނުންކުރުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާތައް ހިނގަމުންދާއިރު، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެކަށީގެންވާ ބަދަލު ވަސީލަތްތައް ހަމަޖައްސައިނުދީ އެކަން ނުކުރެވޭނެ ކަމަށާއި، ދިވެހިން އަނދިރީގައި ތިބެން ބޭނުން ނުވާކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ޑީޑަބްލިއު ނޫހަށް ދެއްވި އިންޓަވިއެއްގައި ޝަރީފު ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ތަކުލީފު ރާއްޖެއިން މިހާރުވެސް ދަނީ ތަހައްމަލު ކުރަމުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ މަހު ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގައި ބައެއް އާއިލާތަކުގެ ގެދޮރު ގެއްލި، ރައްޔިތުންގެ އާމްދަނީއަށް ފޫނުބެއްދޭވަރުގެ ގެއްލުންތައް ލިބުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަން ދަށަށް ގޮސް، ފަރުތައް ހުދުވުމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ސީދާ ގޮތެއްގައި ކުރަމުންދާކަމަށް ޝަރީފު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މޫސުމީ މަހާސިންތާ (ކޮޕް) ގައި ރާއްޖެއިން ވަކާލާތު ކުރާތާ 31 އަހަރު ވެފައިވާއިރު، ޕެރިސް އެއްބަސްވުމަކީ މުޅި ދުނިޔެ އެކަތިގަނޑަކަށްވި އުއްމީދީ ފެށުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، މި އެއްބަސްވުންތަކުގެ ދަށުން ކަންކަން ހާސިލުވާ ސްޕީޑާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޝަރީފު ވިދާޅުވީ، ދުނިޔެ ހޫނުވުމުގައި ރާއްޖޭގެ ހިއްސާ ނިސްބަތުން ކިތަންމެ ކުޑަނަމަވެސް، އޭގެ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވަނީ ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ކަމަށެވެ.

ޝަރީފު ވިދާޅުވީ، ރާއްޖޭގެ ބިމުގެ ޖާގަ ކުޑަކަމުން ހަމައެކަނި ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކޮށްގެން މުޅި ގައުމަށް ބޭނުންވާ ވަރަށް ހަކަތަ ނުއުފެއްދޭނެ ކަމަށެވެ. އެހެންކަމުން ހަމައެކަނި އޮތް ހައްލަކީ މާކަނޑުގައި "ފްލޯޓިން ސޯލާ" ނިޒާމުތައް ގާއިމުކުރުން ކަމަށްވާއިރު، ބޭރުގެ ގައުމުތަކާ ހިލާފަށް ރާއްޖޭގައި މި ޓެކްނޮލޮޖީ ބޭނުންކުރަން ޖެހެނީ ބޮޑެތި ރާޅުތަކާއި ގަދަ އޮއިވަރުގެ ތެރޭގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނދިރީގައި ތިބޭކަށް ބޭނުމެއް ނޫން. އެ ޒަމާން މިހާރު ހިނގައްޖެ. މުޅި އާބާދީ ދިރިއުޅުމަށާއި ކުރިއެރުމަށް ކަރަންޓު ބޭނުންވޭ. ހަމައެކަނި ތެޔޮ ބޭނުންކުރުން ހުއްޓާލައިގެން ރައްޔިތުން އަނދިރީގައި ބައިތިއްބައިގެން ކާބަން ނިއުޓްރަލް ވުމަކީ ކަންކަން ހިނގާނެ ގޮތެއް ނޫން،" ޝަރީފު ވިދާޅުވިއެވެ.

ތެލަށް ބަރޯސާވުން ކުޑަކުރަން ރާއްޖެ ތައްޔާރަށް އޮތް ނަމަވެސް އެކަން ވާން އޮތީ ބަދަލު ނިޒާމުތައް ފޯރުކޮށްދީގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަފާތު މަސްލަހަތުތައް ހިމެނޭ ގައުމުތައް އެއްބަސްވުމަކަށް ގެނައުމަކީ ދަތި ކަމަކަށް ވިޔަސް، މުޅި ދުނިޔެ ގުޅިގެން ކުރާ މި މަސައްކަތުގައި އެއްބަސްވުންތަކަށް އައުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި އާ ނިޒާމެއްގެ ބަދަލުގައި މިހާރު އޮތް ނިޒާމު އިސްލާހުކޮށް ވަރުގަދަކުރުން މާ މުހިންމުކަމަށް ޝަރީފު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުތަކުގެ އެހީގެ އިތުރުން، އަމިއްލަ ބޮޑެތި ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރަށް ފަސޭހައިން އިންވެސްޓް ކުރެވޭނެ މަގުތައް ފަހިކޮށްދީގެން މެނުވީ މި ގޮންޖެހުންތަކުން އަރައިނުގަނެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.