ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިތުރަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި 20 ރަށެއްގައި ނާސަރީ ގާއިމުކުރަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 2.3 މިލިޔަން ގަސް އިންދާފައިވާ ކަމަށެވެ.
އެއީ ހިލޭ އެހީންނާއި އެކި ގޮތްގޮތުން ލިބުނު ގަހެވެ.
މިނިސްޓަރު ވިދާޅުވީ، ގަސް އުފުރައިފައި ބަހައްޓަން ޖެހޭ ގޮތުންނާއި އެކި ގައުމުތަކުން ގަސް އިމްޕޯޓު ކުރަން ހުންނަ އުސޫލުތަކާއި ކުރާން ޖެހޭ ހަރަދު ތަކުގެ ސަބަބުން ބޭރު ގައުުމުތަކުން ގަސް ގެނައުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީ ގާއިމުކުރަން ނިންމީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ނާސަރީތައް ގާއިމްކުރާ ކައުންސިލްތަކަށް ގްރާންޓެއް ދީގެން މިހާރު 20 ރަށަކާއެކު ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެެރެއިން ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފަށައި އަނެއްބައި ރަށްރަށުގައި އަމަލީ މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
ނާސަރީ ގާއިމު ކުރުމުގައި ބެލީ އެކަން ކުރެވޭނެ ބިން އޮތްތޯ އާއި، އެފަދަ މަސައްކަތްތައްކުރާ ރަށްރަށަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ނާސަރީތަކުގައި ގަސް ހައްދަން ފެށުމުން އަހަރަކު 50،000 ގަސް ލިބޭނެ ކަމަށާއި، އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އެކި ތަންތަނުގައި ގަސް އިންދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުގެ ފަރާތުން ހުޅުމާލޭގައި ބޮޑު ނާސަރީއެއް ތަރައްގީކުރަމުން އަންނަ ކަމަށާއި، އެ ނާސަރިގެ 30 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ނާސަރީން ހުޅުމާލޭ ފޭސް ދެޔަކާއި ތިނެއް ހިއްކާފައިވާ ހަނަފަސް ސަރަހައްދުތައް ފެހި ކުރުމަށް ބޭނުން ކުރުމަށް ދެކެމެހެއްޓެނިވި ގޮތެއްގައި ގަސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2024 ވަނަ އަހަރު އިއުލާންކުރެއްވި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ފެށީ އެ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.
އިބްރާހިމް ޒަކީ
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް