ތިމާވެށި ރައްކާ ކުރުމުގެ މަސައްކަތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު މަދުވެގެން ހަތް މިިޔަން ރުފިޔާ ހަރަދު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެދަށުން ފުރަތަމަ ކަނޑައެޅުއްވި ފައިސާ ހަރަދު ކުރަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ނޭޗާ ޕާކް މަރާމާތު ކުރަން ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް މިއަދު ވިދާޅުވެެއްޖެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރއިްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތިމާވެށި ރައްކާކުރުމުގެ މަސައްކަތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު މަދުވެގެން ހަތް މިިޔަން ރުފިޔާ ހަރަދު ކުރަން ރައީސުލްޖުމްހޫރިއްޔާ ނިމެވީ މިއަހަރުގެ ތިމާވެށި ދުވަސްކަމަށްވާ ޖޫން މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
އެހެންކަމުން މިނިސްޓަރު ވިދާޅުވީ، އެފަންޑުން އެކަމަށް ފުރަތަމަ ހަރަދުކުރާ ފައިސާ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ނޭޗާ ޕާކް މަރާމާތު ކުރުމުގެ އިތުރުން ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަސައްކަތަށް ހަރަދު ކުރަންވެސް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގްރީން ފަންޑަކީ އެތައް ކަމަކަށް ހަރަދުކުރާ ފަންޑެއް ކަމަށެވެ.
"އަބަދުވެސް މިނިސްޓްރީއަށް އަންނަ ޝަކުވާއެއް އެއީ ގްރީން ފަންޑު އިނދެއޭ ގްރީން ޓެކްސް އެބަ ނަގައޭ ތމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަށް ނޫނިއްޔާމު އެ ދާއިރާގެ މަސއަކަތްތަކަށް ކޮންކަމެއް ހެއްޔޭ މީގެން ކުރަނީ، ދެން އެ ގްރީން ފަންޑުގެ ސްޓޭޓްމަންޓް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންވާނެ އެ ފަންޑުން ވަރަށްގިނަ ހޭދަ ކުރާކަން ތިމާވެށީގެ ދާއިރާގައި އޭގެން ވަރަށް ބޮޑުހޭދައެއް ކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފަންޑުން އެންމެ ބޮޑު އެއް ހޭދައެއް ކުރަނީ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އޭގެ އިތުރުން ވެސްް އެތައް ކަމަަކަށް އެ ފަންޑުން ހޭދަ ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް
ކޮމެންޓް