ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން މީހަކު ވަކިކުރި މައްސަލައެއްގައި އެދިފައިވާ ފަދަ އަމުރެއް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ފާތުމަތު ޝައުފާ، ދޯޅަނބުގެ، ލ. ފޮނަދޫ، ވަކިކުރުމާއި ޓޫރިޒަމް މިނިސްޓްރީ، ޓޫރިޒަމާއި ތިމާވެއްޓާބެހޭ މިނިސްޓްރީއަށް ބަދަލުވި އިރު، އެތަނުގެ ޕީއެސްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ކުރިއަށްދިޔަ އިދާރީ ޕްރޮސެސްގައި ގާނޫނުއަސާސީއާ ހިލާފަށް ތަފާތު ކުރުމާ އެކު، ބޭއިންސާފުން އިދާރީ ފިޔަވަޅުތައް އަޅާފައިވާތީ އާއި ތަފާތުކުރުމުގެ ތެރެއިން ވަޒީފާގައި ދެމިހުރުމާއި ވަޒީފާ ލިބިގަތުމުގެ ހައްގުން މަހްރޫމް ކޮށް، ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބިދީފައި ނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ޝައުފާގެ ފަރާތުން ހުށަހަޅާފައިވަނީ، ތަފާތުކުރުމުގެ ގޮތުން އޭނާއަށް އިދާރީ ފިޔަވަޅުތައް އަޅާފައިވާކަން ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށާއ،ި އެ ތަފާތު ކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކަމުގައި ކަނޑައަޅައިދިނުމަށާއި އޭނާއާ މެދު ބޭއިންސާފުން އިދާރީ ފިޔަވަޅުތައް އަޅާފައިވާތީ، އެ ކަމުގެ ބަދަލެއްގެ ގޮތުން އޭނާ ހުރި މަގާމުގެ މުސާރަ އާއި އިނާޔަތްތައް މަގާމުގެ މުއްދަތަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށް އަމުރުކޮށް ދިނުމަށާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އޭނާ ހަރަދުކޮށްފައިވާ 35،000 ރުފިޔާއަށް މައްސަލަ ރައްދުވާ ފަރާތުން ޖާމިނު ވާން ޖެހޭނެ ކަމަށް ކަނޑައަޅައި ޝަރީއަތުގެ ހަރަދުގެ ފައިސާ ނަގައިދިނުމަށެވެ.

މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ތަފާތު ކުުރުމުގެ ގޮތުން އޭނާއަށް އިދާރީ ފިޔަވަޅުތައް އަޅާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަދި ޝައުފާއާ މެދު ސަފާތުކޮށްފައިވާކަން ސާބިތު ނުވާތީ، އޭނާ އެދިފައިވާ ފަދައިން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގެ މުސާރަ އާއި އިނާޔަތާއި، ގާނޫނީ މަސައްކަތުގެ ހަރަދަށްވާ ފައިސާ ސިވިލް ސާވިސް ކޮމިޝަނުން ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ޝައުފާގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް އެ ނިންމުމުގައި ވެއެވެ.