ޑާކާއިން: މުހައްމަދު ޝައްމޫން - ވަން ސްޕޯޓްސް
ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބުކޮށް، ޕާކިސްތާނުން ހޯދި ކާމިޔާބީއަކީ ފުޓުބޯޅައަށް ތަފާތު ތާރީހީ ކާމިޔާބީއެކެވެ. 74 އަހަރުގެ އިންތިޒާރަށް ނިމުމެކެވެ. އެއީ 1952 ވަނަ އަހަރު އޭޝިއަން ކުއަޑްރެންގިއުލާ މުބާރާތަށްފަހު ބައިނަލްއަގުވާމީ މައިދާނުގައި ޕާކިސްތާނުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. އެފަހަރު ޕާކިސްތާނުން ބައިނަލްއަގުވާމީ މޮޅުތަކެއް ހޯދީ، 2023 ވަނަ އަހަރަށްފަހު މެޗަކުން މޮޅު ނުވެ އޮތުމަށްފަހުއެވެ. 961 ދުވަހުގެ އިންތިޒާރަކަށްފަހުއެވެ. އެ ކާމިޔާބީއަކީ ކޯޗު ނޮލްބާޓް ސޮލާނޯގެ ނަޒަރުގައި ޕާކިސްތާން ފުޓުބޯޅައަށް ދިރުން ގެނެސްދިން ކާމިޔާބީއެކެވެ. އޭނާ ސާބިތުކޮށްދޭން ބޭނުންވާ ކަންކަން ސާބިތުކޮށްދޭން އެޅުނު ފިޔަވަޅެކެވެ.
ސޮލާނޯ އޭރު ބުނެފައި ވަނީ ކްރިކެޓަށް މަރުދޭ ޕާކިސްތާނުގައި ފުޓުބޯޅަވެސް ދިރުވޭނެކަން ފެންނާނެ ކަމަށެވެ. އަދި ފުޓުބޯޅައަކީ ޕާކިސްތާނުން ކުރިއަށްދާނެ ރަނގަޅު މަގެއްކަން ސާފުކޮށްދޭން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ޕާކިސްތާންގެ އެފްއޭއަށް ފީފާގެ ތިން ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެގައުމުގެ ލީގު ނުހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެފަހުން ލީގު ކުޅުނީ 2019 ވަނަ އަހަރުއެވެ.
އެ ހުރިހާ ކަމެއްގެ ތެރެއިން މަޑުމަޑުން ޕާކިސްތާން އަލުން ވަރުގަދަވަމުން އަންނަކަން ސާބިތުވި އަނެއް ކަމަކީ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔުމެވެ. ސޮލާނޯ ކޯޗުކަމާ ހަވާލުވިތާ އަހަރަކާ ދެ މަސް ވަރުވެފައިވާ އިރު، އެގައުމުގެ ކުޅުންތެރިން އެހެން ގައުމުތަކާއި ޔޫރަޕްގެ އެކި ލީގުތަކުގައި ކުޅުނު ނަމަވެސް، ކާމިޔާބީގެ ސިއްރަކީ ހަމައެކަނި އެއީ ނޫންކަން ސޮލާނޯ ފާހަގަކުރިއެވެ. ސޮލާނޯގެ ޕްރޮޖެކްޓްގައި ޑިއަސްޕޯރާ ކުޅުންތެރިންނަށް ދޭ ސަމާލުކަން ބޮޑު ނަމަވެސް، ބައެއް އެހެން ކުޅުންތެރިންވެސް އޭނާ އަންނަނީ ބޭނުން ކުރަމުންނެވެ. އަދި ޑޮމެސްޓިކް ފުޓުބޯޅައަށް މަސައްކަތް ކޮށް، އަންނަ އަހަރު ލީގު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
"އަހަރެމެން މިދަނީ މަޑުމަޑުން ވަރުގަދަ ޓީމެއް، ވާދަވެރި ޓީމެއް ބިނާކުރަމުން. މިދިޔަ އަހަރުތަކުގައި ޕާކިސްތާން ފުޓުބޯޅަ އޮތީ ވަރަށް ހާލުގައި. ސަސްޕެންޝަނުގައިވެސް އެތައް ދުވަހެއް އޮތް. ޕްރޮފެޝަނަލް ލީގެއް ނެތިވެސް ކުޅުންތެރިން ގައުމު ތަމްސީލުކުރުމުގައި މި ކުރަނީ ބުރަ މަސައްކަތެއް. އަހަރެން ވަރަށް ފަހުރުވެރިވޭ،" އެސްޓަން ވިލާއާއި ނިއުކާސަލްއަށްވެސް ކުޅެފައިވާ ޕެރޫގެ ސޮލާނޯ ބުންޏެވެ.
ޕެރޫ ގައުމީ ޓީމަށް ކުޅެ، އެގައުމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް ކާމިޔާބީތަކެއް ހޯދާފައިވާ ސޮލާނޯ ބުނީ މުޅި ޕާކިސްތާނަށްވެސް ސާފްގެ ފައިނަލް ވާނީ އުފާވެރި ކާމިޔާބީއަކަށް ކަމަށެވެ.
"ފުރަތަމަވެސް އަހަރެން ބޭނުން ވަނީ ކުޅުންތެރިންނާއި މުޅި ޕާކިސްތާނަށް މަރުހަބާ ކިޔަން. އަހަރެމެން މި ފައިނަލާ ހަމައަށް އަންނަން ބުރަކޮށް މަސައްކަތް ކުރިން. އަހަންނަށް އެނގޭ ބަންގްލަދޭޝް މެޗު އެއްވެސް ގޮތަކަށް ފަސޭހަ ނުވާނެ ކަންވެސް. އެއީ ތަޖުރިބާކާރު ވަކިވަކި ކުޅުންތެރިންނާއެކު ނުކުތް ވަރުގަދަ ޓީމެއް. އެހެން ނަމަވެސް ކުޅުންތެރިން އެ ކުރާ ބުރަ މަސައްކަތް ހަމަ އާދަޔާހިލާފަށް ތަފާތު،" އާޝިއާން ކަޕަށްވެސް ޓީމު ގޮވައިގެން ގޮސް ރަނގަޅު ނަތީޖާތަކެއް ނެރުނު ސޮލާނޯ ބުންޏެވެ.
ސޮލާނާ ބުނީ ބަންގްލަދޭޝް މެޗުގައި ހަމްޒާ ޗޯދުރީއަށް ހާއްސަ ސަމާލުކަމެއް ދީ، އޭނާއަށް ހަމައަށް ދާ ބޯޅަތައް ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. ސޮލާނޯ ބުނީ އިންޑިއާއާ ދެކޮޅަށް ކުޅޭ ކޮންމެ މެޗެއް ހާއްސަވާނެހެން ފައިނަލްވެސް ހާއްސަވާނެ ކަމަށާއި، ތަށްޓަށް އުންމީދު ބޮޑު ކަމަށެވެ.
އިންޑިއާއާއި ޕާކިސްތާން ކުޅޭ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް އޮންނާނީ މާދަމާ ރޭގައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް