ޑާކާއިން: މުހައްމަދު ޝައްމޫން - ވަން ސްޕޯޓްސް
ސާފް ރީޖަންގެ އެންމެ ކާމިޔާބު ގައުމު އިންޑިއާއިން މިވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތް ކަމަށްވީ އިރު، މުބާރާތުގެ 13 ފައިނަލެއްގައި ކުޅުމަކީ އިންޑިއާއަށް ބޮޑު ކާމިޔާބީއެކެވެ. އެޓީމުން ފުރަތަމަ 1993 ވަނަ އަހަރު ސާފްގެ ތަށި ނެގީ ލީގު އުސޫލަށް މުބާރާތް ކުޅެގެންނެވެ. ޖުމުލަ ނުވަ ފަހަރު އިންޑިއާއިން ސާފްގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، މިހާރު ޓީމުގައި ހުރި ކޯޗު ނައުޝާދު މޫސާއަށް އެންމެ ހާއްސައީ 1997 ވަނަ އަހަރު ނޭޕާލްގައި ކުޅުނު ފައިނަލެވެ.
އިންޑިއާއިން 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ނެގީ ފައިނަލުގައި ރާއްޖެ ކައިރިން 5-1 އިން މޮޅުވެގެންނެވެ. އެފަހަރުވެސް ހަ ގައުމަކުން ވާދަކުރި އިރު، އިންޑިއާއާއި ރާއްޖެ އަދި ބަންގްލަދޭޝް ހިމެނުނީ އެއް ގްރޫޕެއްގައެވެ. އަނެއް ގްރޫޕްގައި ހިމެނުނީ ސްރީ ލަންކާއާއި ޕާކިސްތާން އަދި ނޭޕާލެވެ.
އިންޑިއާއާއި ރާއްޖެ ގްރޫޕް ސްޓޭޖުގައި އެއްވަރުވި އިރު، ރާއްޖެ ފައިނަލަށް ދިޔައީ ސެމީގައި ސްރީ ލަންކާ ބަލިކޮށްފައެވެ. އިންޑިއާ ޓީމުގައި އޭރު ބައިޗުން ބުޓިއާއާއި އައެމް ވިޖާތަން އަދި ޖޯ ޕައުލް އަންޗެރީ ފަދަ ކުޅުންތެރިން ހިމެނުނު އިރު، މިހާރު ކޯޗު ނައުޝާދަކީވެސް އެޓީމުގެ ކުޅުންތެރިއެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ހޯދި މުބާރާތުގެ ފައިނަލަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، ކޯޗު ނައުޝާދަށް އެ ހަނދާންތައް ހާއްސައެވެ.
"ރަނގަޅު، އެ ހަނދާންތައް ވަރަށް ހާއްސަ. އަހަރެން ހަނދާންވޭ، ރާއްޖެއާ ދެކޮޅަށް އެ ފައިނަލް ކުޅުނީވެސް. އެ ފައިނަލްގައި ކާމިޔާބު ހޯދުން ވެގެންދިޔައީ އޭރު ކެރިއަރުގައި މުހިއްމު ކަމަކަށް. އަހަރެން މި އުންމީދުކުރަނީ ކޯޗެއްގެ ގޮތުގައިވެސް ތަށި ހޯދަން،" "ވަން ސްޕޯޓްސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ނައުޝާދު ބުންޏެވެ.
މިފަހަރު އިންޑިއާއިން ދެވަނަ ދަރަޖައިގެ ސްކޮޑަކާއެކު މުބާރާތަށް ނުކުމެފައިވާ އިރު، ނައުޝާދުގެ ނަޒަރުގައި މި ރީޖަނުގައި އެ ސްކޮޑާއެކު ވާދަކުރެވުމަކީ ލިބޭ އުފަލެކެވެ. އެހެން ނަމަވެސް އެއިން ފެންނަނީ ސަރަހައްދީ ފުޓުބޯޅައިގެ ފެންވަރު ދަށްކަން ނޫން ކަމަށާއި، މިހާރު އޮތް ސްކޮޑުގެ ބުރަ މަސައްކަތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ވީއޭއާރަށް ތަފާތު ހިޔާލެއް
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުން ކޮށްފައިވެއެވެ. އެއީ ސެމީ ފައިނަލް މެޗުތަކުން ފެށިގެންނެވެ. އިންޑިއާއިން ސެމީ ފައިނަލުގައި ބޫޓާން ކައިރިން 2-1 އިން މޮޅުވި މެޗުގައި އިންޑިއާ ކޮޅަށް ދެ ނިންމުމެއް ވީއޭއާރުން ނިންމާފައިވެއެވެ. ބޫޓާންގެ ގޯލް އޮފްސައިޑް ކަމަށް ފުރަތަމަ ލައިންސްމަން ދިދަ ނެގި ނަމަވެސް، ފަހުން ރެފްރީ އެ ނިންމުން އަނބުރާލީ ވީއޭއާރްގެ އެހީގައެވެ. އަދި އިންޑިއާއަށް ދިން ޕެނަލްޓީއެއްވެސް ވީއޭއާރް ބަލައި ކެންސަލް ކޮށްފައިވެއެވެ.
"އަހަރެންނަށް ވީއޭއާރާ އެޔާ ގަޔައެއް ނުވެވުނު. އަހަރެމެންނާ ދެކޮޅަށް ގޯލެއް، އަދި ޕެނަލްޓީއެއް މި ނިންމީ. އެހެންވީމަ ވީއޭއާރް ކަމުދާނީ ކަމުދާނީ؟،" ސަމާސާއަކަށް ނައުޝާދު ބުންޏެވެ.
އެހެން ނަމަވެސް އޭނާ ވަނީ ސާފުން ވީއޭއާރް ބޭނުންކުރަން ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔައިފައެވެ. އޭނާ ފާހަގަކުރީ އެއީ ރަނގަޅެއް ކަމަށެވެ.
"އެއީ ރަނގަޅު ކަމެއް. އަހަރެން އުންމީދުކުރަނީ އަހަންނަށް ފައިދާވާނެ ގޮތަށް ދެން މެޗެއްގައި ވީއޭއާރް އެހީވާނެ ކަމަށް،" ނައުޝާދު ބުންޏެވެ.
މިފަހަރު އިންޑިއާ ކުޅުނު މެޗުތަކުގެ ތެރެއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ފުރަަތަމަ މެޗުގައި މޮޅުވީ 3-2 އިންނެވެ. އަދި ރާއްޖެ ކައިރިން 1-0 އިން މޮޅުވި އިރު، އެ ހުރިހާ މެޗަކަށް ބަލާއިރުވެސް ފަހު ހާފުގައި އިންޑިއާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނައުޝާދު ބުނީ އެއީ ކަންބޮޑުވުމެއް އޮތް ކަމެއް ނަމަވެސް، ޕޮޒިޓިވްކޮށް ވިސްނަންޏާ އެ ހުރިހާ މެޗެއްގެ ފަހު ހާފުގައިވެސް ރަނގަޅަށް ޑިފެންސް ކުރި ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ބައެއް ހާލަތްތަކުގައި މާ ބޮޑަށް ފަރުވާކުޑަކޮށްލާ މަންޒަރު ފެންނަ ކަމަށާއި، އެ ކަންކަން ރަނގަޅުކޮށްގެން ނޫނީ ފައިނަލް ނުނެގޭނެ ކަމަށެވެ.
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ނުކުންނަ ފައިނަލް އޮންނާނީ މާދަމާ ރޭގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް