މި ދައުރުގެ ބާކީ އޮތް ދުވަސް ތަކަށް ޕީއެންސީއާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރަން މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

ރައީސް މުއިއްޒު ވަނީ ދީނީ ކަންކަން ހަރުދަނާކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅު ކުރަން ސިޔާސީ ފަރާތްތަކުގެ އެެއްބާރުލުން ބޭނުންވާ ކަމަށް ބަޔާންކޮށް ސަރުކާރާ އެކު މަސައްކަތްކުރަން އަދާލަތު ޕާޓީއަށް ދައުވަތު ދެއްވާފައިވައިފައެވެ.

އެ ދައުވަތާ ގުޅިގެން ރޭ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއިދުކޮށް މަސައްކަތް ކުރާނެ ކަމަށް ގަރާރުގައިވެއެވެ. ގަރާރުގައި ބުނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާ އާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގައެވެ. އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ.