ބޫޓާނުން 18 އަހަރުފަހުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނުކުންނަ އިރު، އިންޑިއާ ބަލިކޮށް ކުރިއަށް ދެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ގެރީ ފިލިޕްސް ބުނެފިއެވެ.

އޮސްޓްރޭލިއާގެ ކޯޗު ގެރީ ބުނީ ބޫޓާނަށް މިއަދުގެ ސެމީ ފައިނަލް ހާއްސަ ކަމަށެވެ.

"ބޫޓާންގެ ރައްޔިތުންނަށް، ކުޅުންތެރިންނަށް އަދި މުޅި ފުޓުބޯޅަ އާއިލާއަށް މިއީ ހާއްސަ ކާމިޔާބީއެއް. އަހަންނަށް މިއީ ނިމުމެއް ނޫން. އަހަރެމެން ސެމީއަށް ނުކުންނާނީ އިތުބާރާއެކު، ޔަގީންކަމާއެކު. އަހަރެމެންނަށް އެބަހުރި ބައެއް ޗެލެންޖްތައް، މިސާލަކަށް އަނިޔާތަކެއް. އެކަމުގެ ހާސްކަމެއް ހުއްޓަސް، މާބޮޑަށް ކަންބޮޑެއް ނުވަން،" ގެރީ ބުންޏެވެ.

ބޫޓާނުން ސާފް ޗެމްޕިއަންޝިޕް 2008 ގެ ސެމީ ފައިނަލަށް ދިޔައީ ގްރޫޕް ސްޓޭޖުގައި އަފްގާނިސްތާން ބަލިކޮށް، ބަންގްލަދޭޝްއާ އެއްވަރުކޮށްގެންނެވެ. އެޓީމުން އިންޑިއާ ކައިރިން އެފަހަރު ސެމީގައި ބަލިވީ އިތުރު ވަގުތަށް ކުޅެ، 2-1 ގެ ނަތީޖާއަކުންނެވެ.

"މިއީ އަހަންނަށް ހާއްސަ ސެމީ ފައިނަލެއް ނޫން. މިއީ ބޫޓާންގެ ފުޓުބޯޅައަށް ހާއްސަ ސެމީ ފައިނަލެއް. މިއީ ކުޅުންތެރިންނަށް ހާއްސަ ސެމީ ފައިނަލެއް. މިއީ ބޮޑު ޓީމަކާ ދެކޮޅަށް ބޮޑު މުބާރާތެއްގައި ކުޅެން ލިބޭ ފުރުސަތެއް،" އޮގަސްޓް މަހު ބޫޓާނާ ހަވާލުވި ގެރީ ބުންޏެވެ.

ގެރީ ބުނީ އިންޑިއާގައި އޮތީ ތަފާތު ޓީމެއް ނަމަވެސް، އެޓީމުގެ ފެންވަރާ މެދު ސުވާލެއް އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އިންޑިއާގެ ތަޖުރިބާއަކީ ބިލިއަން މީހުންގެ ތެރެއިން އައިސްފައިވާ ތަޖުރިބާއެއް ކަމަށާއި ބޫޓަނަކީ އިންޑިއާ ކައިރީ ކުޑަ ގައުމެއް ކަމަށްވެސް ގެރީ ފާހަގަކުރިއެވެ.

ގެރީ ފާހަގަކުރީ 2008 ވަނަ އަހަރަށްފަހު މުޅިން އަލަށް ސެމީއަށް ނުކުންނަ އިރު، މުޅިން އަލަށް މި ފެންވަރުގެ މެޗަކަށް ނުކުންނަ ކުޅުންތެރިން ތިބުމަކީ ޗެލެންޖެއް ކަމަށް ބުނެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެހެން ގައުމުތަކުގެ އެތައް ބަޔަކު ބަލަން ތިބޭނެ މެޗަކަށް ނުކުތުމަކީ ފުޓުބޯޅަ ކެރިއަރު ބިނާކުރަން މަސައްކަތް ކުރާ ބޫޓާން ކުޅުންތެރިންނަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ބޫޓާނާއި އިންޑިއާ ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 2:00 ގައެވެ.