ހުޅުމާލޭ ރީތި ގަސް މަގުގައި ހުރި ދަނބު ގަސްތަކުގައި ގިނަ އަދަދަކަށް ހުވަނި އަޅަމުންދާތީ، އެތަކެތި ނައްތާލުމަށް ބޭސްޖެހުމުގެ މަސައްކަތް ފެށުމަށްޓަކައި އެ މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ބުނީ މި މަސައްކަތަކީ އެ މަގު ބޭނުންކުރާ އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.
އެގޮތުން، ގަސްތަކަށް ބޭސްޖެހުމުގެ އޮޕަރޭޝަން މާދަމާ ހެނދުނު 9:00 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައިކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން، މާދަމާ ހެނދުނު 9:00 ގެ ކުރިން ރީތި ގަސް މަގުގެ ދެފަރާތުގައި، ވަކިން ހާއްސަކޮށް ހުވަނީގެ އަސަރު ފެންނަން ހުރި ދަނބު ގަސްތަކުގެ ދަށުގައި ޕާކުކޮށްފައިވާ ހުރިހާ ސައިކަލާއި ކާރު ފަދަ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އަދި ބޭސްޖެހުމުގެ މަސައްކަތް ނިމެންދެން، އެ މަގުގައި އުޅަނދުފަހަރު ޕާކު ނުކުރުމަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި އޮޕަރޭޝަންގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދެމުން، އެޗްޑީސީން ވަނީ އާންމުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް