މި ސަރުކާރަށް މިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ހުޅުމާލޭގައި ބޮޑު ހަފުލާއެއް ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަން" އަށް މިއަދު ވިދާޅުވީ، މިރޭ 8:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފަށާ އެ ޖަލްސާގައި ތިން އަހަރުގެ ކާމިޔާބީއާއި މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ޕްރެޒެންޓޭޝަނެއް އޮންނާނެ ކަމަށެވެ.

މި ޕްރެޒެންޓޭޝަނުގައި ހިމެނޭނެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ކުރިއަށް ރާވާފައި ހުރި ކަންކަންވެސް އެ ޕްރެޒެންޓޭޝަންގެ ތެރެއިން، ރައީސް ވިދާޅުވެދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، މިއީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާ ހަފުލާއަކަށް ވާތީ، ސަރުކާރުގެ ވީހާވެސް ގިނަ މުވައްޒަފުން އެ ހަފުލާގައި ބައިވެރިވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށް މުންދު ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރުގެ ނޮވެންބަރު 17 ގައި ހާއްސަ ހަފުލާއެއް ބޭއްވީ ސޯޝަލް ސެންޓަރުގައެވެ.

"ރައްޔިތުންނާ އެކު ކުރިއަށް - ހަފުތާ 104" ގެ ނަމުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން އެހާތަނަށް ހޯދާފައިވާ ކާމިޔާބީތަކާއި މުހިންމު ނިންމުންތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ އަދި ނިންމާފައިވާ މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ދެއްވައިފައެވެ.

އެ ހަފުލާގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން މުޅި ރާއްޖޭގައި 1،875 ތަރައްގީގެ މަޝްރޫއު އޭރު ކުރިއަށްދާ ކަމަށެވެ.