މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް

ބޫޓާނުން ކުރަމުންދާ މަސައްކަތުން މިހާރު މި ފެންނަނީ ސަރަހައްދީ ގައުމުތަކާ އަރާ ހަމަކުރާ މަންޒަރު ކަމަށް ކޯޗު، އޮސްޓްރޭލިއާގެ ގެރީ ފިލިޕްސް ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މިހާތަނަށް ބޫޓާނުން ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ 2008 ވަނަ އަހަރު އެކަންޏެވެ. ކުރިން ތަފާތު ބޮޑުކޮށް ބޫޓާން ސަރަހައްދީ ޓީމުތައް ކައިރިން ބަލިވި ނަމަވެސް، މިފަހަކަށް އައިސް އެގައުމުގެ ފުޓުބޯޅައިން ކުރިއެރުންތައް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް ބަލިކޮށްފައިވެސް ވެއެވެ. އަދި އެ އަހަރު ސެޕްޓެމްބަރު މަހު ބަންގްލަދޭޝް ކައިރިން ބަލިވީ 1-0 އިންނެވެ. އަނެއްކާ މިފަހަރު ސާފް ޗެމްޕިއަންޝިޕްގައިވެސް ބަންގްލަދޭޝް ކައިރިން މިބަލިވީ 1-0 އިންނެވެ.

އެންމެފަހުން ބޫޓާނުން ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖު މެޗުތަކަށް ބަލާ އިރު، އެޓީމުން ވަނީ ބުރުނާއީ ކައިރިން 2-1 އިން މޮޅުވެފައެވެ. ދެން ކުޅުނު މެޗުތަކުގައި ޔަމަނާއި ކެމްބޯޑިއާ ކައިރިންވީ ބައްޔެވެ.

މިފަހަރު މުބާރާތަށް ނުކުންނަ އިރު، ބޫޓާންގެ އާ ކޯޗު ޓީމާ ހަވާލުވީ އޮގަސްޓް މަހުގައެވެ. އެގައުމުގެ ލީގު ކުރިއަށްދާތީ އެންމެފަހުން މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި މެޗެއް ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް ބަންގްލަދޭޝް ކައިރިން އުންމީދީ ކުޅުމެއް ދެއްކިއެވެ.

"އަހަރެން މިހުރީ ވަރަށް ފަހުރުވެރިވެފައި ޓީމުން ދެއްކި ކުޅުމަށް. އަހަންނަށް ހީވަނީ އެންމެންނަށްވެސް ފެންނާނެހެން މެޗުގައި އަހަރެމެން ކުރި މަސައްކަތް. އަހަރެމެންގެ ކުޅުން ރަނގަޅު. ކަން ދިމާކުރި ގޮތުން އަހަރެމެންގެ ފިޓްނަސް މައްސަލަ ދިމާވެ މެޗު ގެއްލުނީ. ކުރިންވެސް އަހަރެން ފާހަގަކުރިން އަހަރެމެން ކުޅުންތެރިންނަށް ފުޓުބޯޅަ ސީޒަން ނިމި، ދުވަސްތަކެއް ވެއްޖެ މެޗުތައް ނުކުޅެ. އެހެންވީމަ އުނދަގޫތައް ހުރި. މެޗުގެ ބޮޑުބައެއްގައި އަހަރެމެން ރަނގަޅަށް ކުޅެ، ކައުންޓާގައި ފުރުސަތުވެސް ހޯދި،" ގެރީ ފާހަގަކުރިއެވެ.

ބޫޓާންގެ ކޯޗު ގެރީ ބުނީ ބަންގްލަދޭޝް މެޗުގެ ދެވަނަ ހާފުގައި އޮއިވަރު ބަދަލުވާނެކަން އޭނާއަށް އެނގޭ ކަމަށެވެ. އެއީ ޓީމުގައި އެ ބުންވަރު ނެތުމުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަދި ހާއްސަކޮށް މިހާރު ބަންގްލަދޭޝް ކައިރިން 90 މިނެޓުގައި ހިފަހައްޓާލަން ބޫޓާނަށް އުނދަގޫތަކެއް ހުންނާނެކަމަށް މާކުރިންވެސް އަންދާޒާ ކުރި ކަމަށް ގެރީ ފާހަގަކުރިއެވެ.

"ވަން ސްޕޯޓްސް"އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ކޯޗު ގެރީ ބުނީ، ބޫޓާނުން މި ރީޖަންގެ ޓީމުތަކާ ވާދަކުރެވޭ ފެންވަރަށް އަންނަކަން 100 ޕަސެންޓް ގަބޫލުކުރާ ކަމަށެވެ.

"100 ޕަސެންޓް ގަބޫލުކުރަން ބޫޓާން މި އަންނަނީ ރީޖަންގެ ޓީމުތަކާ ހަމަކުރަމުންކަން. އަހަރެން ކުރިން ބުނިހެން އަހަރެމެން މިއައީ އެކުގައި މާގިނަ ވަގުތެއް ހޭދަކޮށްފައެއްވެސް ނޫން. އަހަރެމެންގެ ހާލަތާ ބަންގްލަދޭޝްގެ ހާލަތާ ތަފާތު. އަހަރެމެންގެ ގިނަ ކުޅުންތެރިން ހައެއްކަ ހަފުތާ ވަންދެން ނުކުޅެ ތިބެފައި މިއައީ. އެހެންވީމަ މިއަށްވުރެވެސް ބޫޓާން އަދި ރަނގަޅުވާނެ،" ގެރީ ބުންޏެވެ.

ބޫޓާނުން ކުޅޭ ދެވަނަ މެޗުގައި މިރޭ ސްރީ ލަންކާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 7:00 ގައެވެ.