އިޒްރޭލުން، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް، ހުޅަނގުގެ ގައުމުތަކުން އިސްނަގައިގެން އަޅަން ފެށި ފިޔަވަޅުތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ފަލަސްތީނާއި، އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ދެ ދައުލަތުގެ ހައްލުކަމަށް ބާރުއަޅައި އެ ބަޔާން ނެރުނީ އިނގިރޭސިވިލާތުން އިސްނަގައިގެންނެވެ. އެ ބަޔާނުގައި އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، އައިސްލޭންޑް، އަޔަލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިޜޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅަނގުގެ އެ ގައުމުތަކުން ނިންމި ނިންމުމަކީ ސަރަހައްދީ ސުލްހައާއި އަމަންއަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނު ރައްޔިތުންގެ ކަރާމާތާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ނިންމުނު އަގުހުރި ނިންމުމެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި، އަމިއްލަ އިހުތިޔާރުގައި ވެރިކަން ކުރުމުގެ ހައްގު ފުރިހަމައަށް ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި، ރާއްޖެ އަބަދުވެސް ފަލަސްތީނުގެ އަހުންނާއި އުހުތުންގެ ފަހަތުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.