ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރޭ ހޯސްޓް ބަންގްލަދޭޝަށް ބޫޓާން ބަލިކުރެވުނީ ހަނި ގޮތަކަށެވެ. އުނދަގޫ މޮޅަކުން ބަންގްލަދޭޝް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ ބަންގްލަދޭޝްއާ ދޭތެރޭ ސަޕޯޓަރުން ކުރި އުންމީދަށްވުރެ ދަށް ނަތީޖާއެއްކަން ބައެއް ސަޕޯޓަރުންގެ ފަރާތުން ފާހަގަވިއެވެ. އަދި މެޗަށްފަހު ބޭއްވި ޕްރެސްގައި ނޫސްވެރިންގެ ފަރާތުންވެސް އެކަހަލަ ސުވާލުތަކެއް ކޯޗު ތޯމަސް ޑޫލީއާ ކުރިމަތިކުރުވިއެވެ.

"މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދުނީމަ އަހަރެން އުފާވޭ. މެޗުގެ ބޮޑުބައެއްގައި އަހަރެމެން ކޮންޓްރޯލްކޮށްގެން ކުޅުނީ. އަހަރެމެންނަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު. އެކަމަކު ގޯލް ޖެހޭނީ ގިނަ ކުޅުންތެރިންތަކެއް އޭރިއާ ތެރެއަށް ވަދެގެން. އެކަން އެއީ އަހަރެމެން ބަދަލުކުރަން ޖެހޭ ކަމެއް. ޖުމުލަކޮށް ބުނަންޏާ މެޗާ ދޭތެރޭ އަހަރެމެން ހިތްހަމަ ޖެހޭ. ދެން އަހަރެމެންނަށް ދިމާވި އެއް މައްސަލައަކީ މެދުތެރެއިން މާބޮޑަށް ފަހަތަށް ޖެހުން. ފަހަތަށް ޖެހުމަކީ ފަސޭހަވާނެ ކަމެއްކަމަށް ހީވިއަސް، އެއީ އުނދަގޫތަކަކާ ކުރިމަތިވާނެ ކަމެއް. އެހެން އެވަނީ ވަރުބަލިވީމަ. އެކަންކަން ރަނގަޅުކުރަން ޖެހޭ،" ޑޫލީ ބުންޏެވެ.

ދެހާސް ތިންވަނަ އަހަރަށްފަހު މުޅިން އަލަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ބަންގްލަދޭޝްއިން މަސައްކަތް ކުރަމުން އަންނަ އިރު، މިފަހަރު އަމިއްލަ ގައުމުގައި ސާފް ކުޅެނީ 8 އަހަރަށްފަހުއެވެ. އެންމެފަހުން ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެފަހަރު މުބާރާތް ކާމިޔާބުކުރީ ރާއްޖެއިންނެވެ.

ބަންގްލަދޭޝްއިން ބައެއް އެހެން ގައުމުތަކަށް އުފަން އެގައުމުގެ ކުޅުންތެރިންވެސް ގެނެސް، މިފަހަރު ސާފަށް ތައްޔާރުވީ ތަށްޓަށް ބޮޑު އުންމީދެއްގައެވެ. އެހެން ނަމަވެސް ފީފާ އިންޓަނޭޝަނަލް ބްރޭކް ނުފެށޭތީ ޝެފީލްޑް ޔުނައިޓެޑްގެ ހަމްޒާ ޗޯދުރީއާއި، ފުލަމްގެ ލޯނެއްގައި އިނގިރޭސި ފަސްވަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ ބޯރްހަމްވުޑަށް ކުޅެމުން އަންނަ ފަރްހާން އަލީ ވަހީދްވެސް ރޭ ފެނިގެން ނުދެއެވެ. ޖުމުލަކޮށް މެޗުގައި ބަންގްލަދޭޝް އެޓޭކް ފެނުނީ ދަށްކޮށެވެ.

ރޭގެ މެޗުގައި ބަންގްލަދޭޝްގެ ފުރަތަމަ 11 ގައި ހިމެނި، އެންމެ ކުރިން ފޯވަޑަކަށް ކުޅުނީ ކުރިން އާންމުކޮށް ޑިފެންޑަރަކަށް ކުޅޭ ބިޝްވަނަތު ގޯޝްއެވެ. ކުރިން ސެންޓަ ބެކެއް، މިހާރު ފޯވަޑަކަށް ބަދަލުކުރި ސަބަބުވެސް ޑޫލީ ފާހަގަކުރިއެވެ.

"ބިޝްވަނަތަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ސެންޓަ ބެކަކަށް ލުމަކީ ރިސްކެއް. އެއީ ވަރަށް ވަރުގަދަ ކުޅުންތެރިއެއް. އަހަރެމެންގެ ނެތް އަސްލު ނުވަ ނަންބަރު ފޯވަޑެއް. ގޯލަށް އެސިސްޓްވެސް ކޮށްދިން. އަހަރެން އޭނާއާ ވާހަކަ ދައްކާފައި އެ މަގާމަށް ކުޅުވީ. އެއީ އަހަރެމެންނަށް އޭނާގެ ފަރާތުން އެންމެ ފައިދާ ކުރާނެ މަގާމަކީ. އެހެންވެ އެމަގާމަށް ކުޅެން ނެރުނީ. އަހަރެން ވަރަށް ވިސްނާފައި ކުރި ކަމެއް އެއީ،"

ޑޫލީ ބުނީ އެޓޭކްލައިނުން ކުރަން ޖެހޭ މަސައްކަތް ރަނގަޅުކުރަން ޖެހޭ ކަމަށާއި، މެޗު ތެރޭގައި ކުރަން ޖެހޭ ކުދިކުދި ކަންކަން ރަނގަޅުކުރުމުން ބޮޑެތި ނަތީޖާ ނެރެވޭނެ ކަމަށެވެ. ޑޫލީ ބުނީ އޭނާ ވިސްނީ ބޫޓާނަށް ޖާގަ ނުދިނުމަށް ނަމަވެސް، ޓީމު މާބޮޑަށް ފަހަތަށް ޖެހުމުން ހާސްވާން ޖެހޭ ބައެއް ވަގުތުތައް ދިޔަ ކަމަށެވެ.

ބަންގްލަދޭޝަށް ދެން މެޗެއް އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށެވެ.