އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގެ ކޮމިޓީ މަސައްކަތް މިމަހުގެ 19 އަށް ނިންމަން ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ތާއީދު ކުރައްވައިގެންނެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު 29 ގައެވެ.
ހަމަ އެދުވަހު އިތުރަށް ދިރާސާ ކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވިއެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީއަކީ، މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އުފައްދާ ޖޮއިންޓް ކޮމިޓީއެކެވެ.
އެ ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދައިރާގެ މެންބަރު އަލީ ފަޒާދު އިއްޔެ ވަނީ އިންތިހާބު ކޮށްފައެވެ.
މި ކޮމިޓީއަށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، ބަޖެޓަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްފަހު، ބަޖެޓް ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ. މަޖިލިސް ތަޅުމުން ބަޖެޓް ފާސް ކުރާނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ.
މަޖިލީހަށް ބަޖެޓް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ، ދައުލަތުގެ ބަޖެޓް ބަހުސްގައި، ވާހަކަ ދައްކަވަން ކޮންމެ މެންބަރަކަށް 15 މިނިޓުގެ ފުރުސަތެއް ދިނުމަށެވެ.
އޭގެ އިތުރުން ބަޖެޓް ބަހުސްގައި މެންބަރުންނަށް ވާހަކަ ދައްކަން ދޭނެ ވަގުތާއި ބަޖެޓު ބަހުސްގައި މެންބަރުން ދައްކާ ވާހަތަކުގައި އިތުރަށް ކަންކަން އޮޅުން ފިއްލުއްވުމަށް ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް 45 މިނެޓްގެ ވަގުތެއް ދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ފުރުސަތެއް ދޭންވެސް ވަނީ ފާސްކޮށްފައެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ތަޅުމުގައި ބަޖެޓު ބަހުސް ފަށާނީ، ބަޖެޓް މަޖިލީހަށް ހުށަހަޅާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ހަތް ދުވަހުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވުމަށްފަހު، ބަޖެޓް ބަހުސް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެންޑާ ކުރައްވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
މަޖިލިސް ބަޖެޓު ކޮމެޓީ
މަޖިލިސް ބަޖެޓު ކޮމެޓީ
ކޮމެންޓް