އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 މިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެތް ކޮމިޓީން ދެންމެ ފާށްކޮށްފިއެވެ.
ބަޖެޓް ފާސްކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވަމުން، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ކަނޑައަޅާފައިވާ 43.2 ބިލިއަން ރުފިޔާ އަކީ ހާސިލް ކުރެވޭނެ މިންވަރެއް ކަމަށްވާތީ، ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް، ފާސްކުރަން ހުށަހަޅުއްވާ ކަމަށެވެ.
އަން އަހަރުގެ ބަޖެޓްގައި އޮފީސްތަކާއި މިނިވަން މުއައްސަސާތަކާ ބެހޭ ބައިގައި، ސަރުކާރު އޮފީސްތަކާއި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ ދަށުން ހިންގާ އޮފީސްތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ހުށަހަޅާ ބަޖެޓެއް ކަަމަށްވެފައި، މިނިވަން މުއައްސަސާތަކުގެ ބަޖެޓް ކަނޑައަޅާފައި ވަނީ އެ މުއައްސަސާތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެެވެ.
މީގެ އިތުރުން އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން 2027 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދާ ގުޅޭ، 2027 އަހަރުގެ ބަޖެޓްގައި ހިމެނޭ ވަކިވަކި އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަދަލެއް ގެނަސްފައި ނުވާތީ 2027 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ތާވަލާ، އޮފީސްތަކުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޕްރޮގްރާމް ބަޖެޓް، ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް، ފާސްކުރަން ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހަމަ އެ އޮތްގޮތަށް ފާސްކުރަން ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެންމެ ފަހުގެ ހުށަހެޅުއްވުމެއްގެ ގޮތުގައި މެންބަރު ޝަރީފް ހުށަހެޅުއްވީ، 2027 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، މިލިޔަން ރުފިޔާ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ)ގެ މުޅި ބަޖެޓް ބައިކުރެވިފައިވާގޮތަށް ފާސްކުރެއްވުމަށެވެ.
މި ހުށަހެޅުއްވުންތަކަށް ތާއީދު ކުރެއްވީ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
އެހިސާބުން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، 10 މެންބަރުންގެ އިއްޔިފާގުން ފާސްވީ ކަމަށެވެ. އެގޮަތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ނަން ވިދާޅުނުވެ މުގައްރިރު ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް