އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޭން ކަނޑަަޅާފައިވާ ބަޖެޓުން އޮފީސް "ހުޅުވައި ލެއްޕުން" ނޫން އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ދިން ސީލިންއާ އެއްވަަރަށް، އަންނަ އަހަރަށް އީސީއަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވާފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ދައުލަތުގެ ބަޖެޓްގައި އިސީއަށް ހިމަނާފައިވާ އަދަދު ބޮޑުތަނުން މަދުކޮށްފައިވާތީ އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއާ ހިއްސާ ކުރައްވަމުން ޝަކީލް ވިދާޅުވީ، 2028 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ބަޖެޓުގައި ހިމެނި އަދަދުތައް ވެސް ފިނޭންސް މިނިސްޓްރީން އުނިކޮށްފައިވާ ކަމަަށެވެ.

ޝަކީލް ވިދާޅުވީ، ދައުލަތުގެ ބަޖެޓްގައި އެ ކޮމިޝަނަށް 67 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އޭގެ ތެރެއިން 35 މިލިއަން ރުފިޔާ ހޭދަވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ގްރާންޓްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކޮމިޝަންގެ އިދާރީ ކަންކަން ހަމަޖެއްސުމަށް އޮންނާނީ 29.7 މިލިއަން ރުފިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިދާރީ ބަޖެޓް ބެހިގެންދާގޮތް ކިޔައިދެއްވަމުން ޝަކީލް ވިދާޅުވީ، މުސާރައަށް 27 މިލިއަން ރުފިޔާ ހޭދަވާ އިރު، ކަރަންޓާއި ފެނުގެ ހަރަދުތަކަށް 6.2 މިލިއަން ރުފިޔާ އަދި އައިޓީ ސެކިއުރިޓީ ކަންކަމަށް ހަ މިލިއަން ރުފިޔާ، އެހެނިހެން އިދާރީ ހަރަދުތަކަށް ހަ މިލިއަން ހިމެނޭނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ ކައުންސިލް ބައި އިލެކްޝަންތަކާއި، އަންހެނުންގެ ތަރައްގީއާ ބެހޭ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކަށް 1.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ޝަކީލް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި މުހިއްމު ކަންކަން ކޮމިޝަނުން ހިމެނި ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުން އެ ބައިތައް އުނިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރަށް އެކަށީގެންވާ ބަޖެޓެއް ނެތް އިރު، މި އަހަރުގެ ބަޖެޓުން ވެސް އެންގުމަކާ ނުލައި ބައެއް އުނިކޮށްފައިވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

އީސީގެ ބަޖެޓް އުނިކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭނުންވާ ބޮޑެތި ޕްރޮކިއުމެންޓްތައް ހޯދުމާއި އެ ނޫން ކަންކަން ހަމަޖެއްސުމަށް އެ އަހަރު ނިމުމުގެ ކުރިން ދަތިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ 2027 ވަނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެންގެ ބޮޑެތި ޕްރޮކިއުމެންޓް ކަންކަން ކުރުމަށް ބަޖެޓް ރިލީޒް ކޮށްދެއްވާށޭ ކޮންމެވެސް ވަރަކަށް. އިނީޝިއަލީ އަޅުގަނޑުމެންނަށް ދެއްވި 40 މިލިއަންގެ ސީލިންގެ ބަޖެޓެއް ރިޔާސީ އިންތިހާބުގެ ކަންކަން ކުރުމަށް،" ޒަކަރިއްޔާ ވިދާޅުވިއެވެ.

ނަމަވެސް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކޮމިޝަންގެ ޑިޖިޓަލް ސިސްޓަމްތައް ހަރުދަނާކޮށް، އެ ކަންކަމަށް ހޭދަކުރުމަށް ބަޖެޓުގައި އެއްވެސް އަދަދެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ، އެ ހާލަތުގައި، އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރަން ޖެހޭނީ 2028 ވަނަ އަހަރު ކަމަށެވެ. ނަމަވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ އިންތިހާބަށް ތައްޔާރުވާން ޖެނުއަރީގައި ފަށައިގެން ޕްރޮކިއުމެންޓް ކަންކަން ކުރުމަށް ލިބޭނީ ހައެއްކަ މަސް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެ އިންތިހާބުގެ ކަންކަން އީސީން ބޭނުންވާ ގޮތަށް ކުރިއަށްގެންދަން ބޮޑެތި ހުރަސްތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެން ވެއްޖެނަމަ އިންތިހާބަށް ތައްޔާރުވުމުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.