ހަށިގަނޑު ތެރޭގައި ރައްކާކޮށްގެން 82 ބްލެޓްގެ ކޮކެއިން ރާއްޖެއަށް އެތެރެކުރަން އެހީވި މައްސަލައާ އެކު ޑްރަގްގެ ހަތަރު މައްސަލައެއްގައި، މ. އިދާލާގެ އާލިފް ވަހީދު 29 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ޖަދުވަލު އެކެއްގައިވާ މައްތުވާ އެއްޗެއް ބޭނުން ކުރުމާއި ރާއްޖެއަށް އެތެރެ ކުރުމަށް އެހީތެރިވެދިނުމާއި ބޭނުން ކުރުމުގެ އިތުރުން ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ ކޮށްފައި ވަނީ، ދޯހާމަގުން ރާއްޖެއަށް އައި ނައިޖީރިއާގެ ރައްޔިތެއް ކަމަށްވާ އެމެނުއެލް ޖޯންޕޯލް އޮކޯންނާޗީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިރު އެކަމުގައި އެހީތެރިވެފައިވާތީއެވެ.
މި މައްސަލައިގައި، ދޯހާ މަގުން ރާއްޖެ އަންނަ ފްލައިޓެއްގައި، ދިރުވާލައިގެން ނައިޖީރިއާ މީހަކު މަސްތުވާތަކެތި ގެންނަ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ފުލުހުން އެއާޕޯޓްގައި އޮޕަރޭޝަނެއް ހިންގިއެވެ.
އެ އޮޕަރޭޝަންގައި، އެމެނުއެލް ޖޯންޕޯލް އޮކޯންނާޗީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ، އޭނާ އެމީހާ ރާއްޖެ އައުމުން، ޝެރަޓަން އިން އޭނާއާ ހަވާލުވި ރެޕާއެކު ޝެރަޓަން މޯލްޑިވްސްގެ ލޯންޗަށް އަރައިގެންދިޔަ ވަގުތުއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އޭނާ ބުނީ، މަސްތުވާތަކެތި ހުރީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން ފުލުހުން އޭނާ ގޮވައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ސީޓީ ސްކޭން ހަދައިގެން ބެލިއިރު އޭނާގެ ހަށިގަނޑުގެ ތެރޭގައި އެތަކެތި ހުރިކަމަށް ޑޮކްޓަރު ބުނެފަިއވާތީ، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް އޭނާ ހާޒިރުކޮށް އިޖުރާއީ ލިއުންތައް ފުރިހަމަ ކުރަން ފެށިއެވެ.
ނަމަވެސް އެކަން ކުރަމުން ދަނިކޮށް، ބޮޑުކަމުދާން ޖެހިއްޖެ ކަމަށް ބުނެ ފާހާނާ ކުރުމުން ފުރަތަމަ ފަހަރަށް ބޮޑުކަމުދިޔަ ތަކެތީގެ ތެެރެއިން 26 ބްލެޓް، ދެވަނަ ފަހަތަަށް ބޮޑުކަމު ދިޔައިރު، 16 ބްލެޓް ތިންވަނަ ފަހަރު 14 ބްލެޓް ވަނީ ނަގައިފައެވެ.
އެއަށްފަހު ދޫޫނިދޫ ކްލިނިކްގައި އޭނާ އެޑްމިޓްކޮށްފައި ވަނިކޮށް، ހަތަރުވަނަ ފަހަރަށް ބޮޑުކަމު ދިޔައިރު 13 ބްލެޓް، ފަސް ވަނަ ފަހަރަށް ތިން ބްލެޓް، ހަ ވަނަ ފަހަރަށް ދިޔައިރު ތިން ބްލެޓް އަދި ހަތްވަނަ ފަހަރު ހަ ބްލެޓް ނެގިއެވެ.
އޭގެ ހަ ދުވަސްފަހުން އޭނާގެ ސީޓީ ސްކޭނެއް ހެދިއިރު، އިތުރު ބްލެޓެއް ހަށިގަނޑުގައި އޮތްކަމަށް ދައްކާތީ، ކުރިިމިނަލް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ގާތުން ބަލައި ފާސްކުރުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް އަށްވަނަ ފަހަރަށް ބޮޑުކަމު ދިޔައިރު، ފެނުނު ބްލެޓާއެކު ޖުމްލަ 82 ބްލެޓް ވަނީ ނަގައިފައެވެ. އެ ބްލެޓްތަކުގައި ހުރީ ކޮކެއިން ކަމަށް ތަހުލީލު ރިޕޯޓުން ދައްކައެވެ.
މި މައްސަލައާ ގުޅިގެން އަލީފް ހައްޔަރުކުރީ، އެ ނައިޖީރިއާ މީހާ އެއާޕޯޓަށް އައިފަހުން، އޭނާގެ ފަހަތުން އެކި ގޮތްގޮތަށް ހަރަކާތެރިވާތަން ފެނިގެންނެވެ.
އަލީފް ހައްޔަރުކޮށް ކުރިއަށް ގެންދިޔަ ތަހުގީގުގައި، ޑްރަގާއެކު އެ ނައިޖީރިއާ މީހާ ރާއްޖެ އެތެރެވުމަށް ޝެރަޓަން ރިސޯޓާއި ކ. ގުރައިދޫ ޕާމިން ގެސްޓްހައުސްއިން ބުކިން ހަދައިދީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް އޭނާއަށް އެހީތެރިވެދީފައިވާކަން ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގެ ދައުވާގައި، ޖަދުވަލު އެކެއްގައިވާ މައްތުވާއެއްޗެއް ކަމަށްވާ ކޮކޭން ރާއްޖެ އެތެރެ ކުރުމުގައި އެހީތެރިވެދީފައިވާކަން އާާލިފްގެ މައްޗަށް ސާބިތުވާތީ، 18 އަހަރަށް ޖަލަށް ލުމާއެކު 75،000 ރުފިޔާއިން ޖޫރިމަނާކޮށް 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ވަނީ ހުކުމް ކޮށްފައެވެ.
ކެނަބިހުން މުއާމަލާތް ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ، މ. އީޑަބުލިޔުޓީ ގޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައޫލުމާތަކާ ގުޅިގެން، އޭނާގެ ހާޒިރުގައި ފުލުހުން އެގެއަށް ގޮސް، އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު، އެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތިން ކެނަބިސް އަޅާފައިވާ ފިލްމު ހުސްކުރި ތިން ދަޅު ފެނިގެންނެވެ.
މި މައްސަލައިގައި އާލިފް ބުނެފައި ވަނީ، މިއީ މަސްތުގައި ޖެހިގެން އުޅުނު އިރު ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށެވެ.
އެހެންކަމުން ކެނެބިސް ޕެޑްލް ކުރިކަމަށް އޭނާ އިއުތިރާފްވެފައި ވާތީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 15،000 ރުފިޔާއިން ޖޫރިމަނާކޮށް ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ކުރީ، އެއާޕޯޓްގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ކޮކެއިން އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިގެންނާއި، މ. އީޑަބުލިޔުޓީ ގޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލުމާތަކާ ގުޅިގެން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ އެއްޗެހި ނަގައި ތަހުލީލު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާތީއެވެ.
މި ދެ މައްސަލައިން ކޮންމެ މައްސަލައަކަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް