ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އެ ފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، މިހާރު ވަނީ އެ މަސައްކަތުގެ 68.8 އިންސައްތަ ފުރިހަމަކުރެވިފައެވެ.
މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ އިރު، ބިން ހިއްކުމުގެ މި ބޮޑު މަސައްކަތް ކުރިއަށް ގެންދިއުމުގައި "ކުއީން އޮފް ދަ ނެދަލެންޑްސް" ކޮންނަބޯޓުން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެ ފަޅު ހިއްކުމަށް ކޮންޓްރެކްޓަރާއެކު ސޮއިކޮށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެތަން އެއްކޮށް ހިއްކައި ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި، ގިރާވަރުފަޅުން ގޯތި ދޫކުރުމަށްޓަކައި ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކަންޖެހުނު ނަމަވެސް، މިދިޔަ ސަރުކާރުން އެ ސަރަހައްދުން ހިއްކާފައި އޮތީ 54 ހެކްޓަރުގެ ބިމެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ބިމުގެ ރަޖިސްޓްރީ ހަދައިދީ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮމެންޓް