ސާފް ޗެމްޕިއަންޝިޕް 2026 ގެ އެންމެ ފަހުގެ ހަބަރާއި ރިޕޯޓުތައް ތާޒާކަމާއެކު ކިޔުންތެރީންނަށް ގެނެސްދިނުމަށް "ވަން"ގެ ސްޕޯޓްސް ޓީމުގެ ފަރާތުން ސްޕޯޓްސް އެޑިޓަރު މުހައްމަދު ޝަމްއޫން ބަންގުލަދޭޝްގެ ޑާކާއަށް ހިނގައްޖެއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 17 ގެ ނިޔަލަށް ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖަށް ޑާކާއަށް "ވަން"ގެ ސްޕޯޓްސް އެޑިޓަރު ޝަމްއޫން ފުރާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިހާރު ޝަމްއޫން ގެންދަނީ ޑާކާގައި ހުރެގެން ކިޔުންތެރީންނަށް ތާޒާކަމާއެކު ހަބަރާއި ރިޕޯޓުތައް ގެނެސްދެމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޕޯޓްސް އެޑިޓަރު ޝަމްއޫން ވިދާޅުވީ ކެވަރޭޖުގެ ތެރެއިން ހަބަރާއި ތަފާތު ރިޕޯޓުތަކުގެ އިތުރުން "ވަން" ގެ ސްޕޯޓްސް ޓީމުން ލުއި ހަބަރުތަކާއި އެކްސްކްލޫސިވް އިންޓަވިއުތައް ވެސް ގެނެސްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކަވަރޭޖުން ވެސް އެހެން ކުޅިވަރު މުބާރާތްތަކެކޭ އެއްގޮތަށް ތަފާތު ކުލަތަކެއް ފެނިގެންދާނެ، ކިޔުންތެރީންނަށް ޝައުގުވެރި އެތައް ވާހަކަތަކެއް ގެނެސްދެވޭނެ. އަޅުގަނޑުމެންގެ ފަހަތުގައި ތަޖުރިބާ ބޮޑު ޓީމެއް އެބަ އޮތް،" ޝަމްއޫން ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޝަމްއޫނުގެ ކުޅިވަރު ނޫސްވެރިކަން 2014 ވަނަ އަހަރު ފެށިގެން ދިޔައީ ދުވަސް ނޫހުންނެވެ. އެއަށްފަހު ކުޅިވަރަށް ހާއްސަ ނޫހެއް ކަމަށްވާ އެމްވީ ފޯރީގެ ކޮޕީ އެޑިޓަރަކަށް މަސައްކަތްކޮށް، ސަން އޮންލައިނާއި ވަގުތު ނޫހުގައި ކުޅިވަރު ނޫސްވެރިޔަކަށް މަސައްކަތް ކޮށްފައިވެއެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރުން ފެށިގެން "ވަން" ގެ ކުޅިވަރު ޑެސްކްގައި ޝަމްއޫން މަސައްކަތް ކުރަމުން އަންނަ އިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވި ބޮޑެތި އެކިއެކި މުބާރާތްތަކުގެ ކަވަރޭޖު އެންމެ ތާޒާކަމާއެކު އާންމުންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.

"ވަން" އަކީ ޔޫރޯ 2020، ވޯލްޑް ކަޕް 2022، ޔޫރޯ 2024 އަދި ވޯލްޑް ކަޕް 2026 ގައި ވެސް އެންމެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިން އޮންލައިން ނޫހެވެ. އެގޮތުން "ވަން" އިން ވާނީ ޔޫރޯ އާއި ވޯލްޑް ކަޕްގެ އެންމެ ފުރިހަމަ ގައިޑުތައްވެސް އާންމުންނަށް ގެނެސްދީފައެވެ. އޭގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ވެސް "ވަން" ގެ ސްޕޯޓްސް ޓީމުން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހާއްސަ ކަވަރޭޖު ގެނެސްދިނުމަށް "ވަން" ގެ ވެބްސައިޓުގައި މުބާރާތަށް ހާއްސަ ޕޭޖެއް ހިމެނޭ އިރު، އެ ޕޭޖު މިހާރު ވަނީ ލޯންޗު ކޮށްފައެވެ. އެ ޕޭޖުން ހަބަރާއި ރިޕޯޓުތަކުގެ އިތުރުން މެޗުތަކުގެ ނަތީޖާތަކާއި މެޗުތައް ކުޅޭނެ ގަޑިތައް އެނގޭނެ ގޮތަށް ޝެޑިއުލް ފެންނާނެއެވެ. އޭގެ އިތުރުން "ވަން" ގެ ފޭސްބުކް ޕޭޖުން ވެސް މުބާރާތުގެ އެންމެފަހުގެ މައުލޫމާތާއި ވީޑިއޯ ކޮންޓެންޓުތައް ފެންނާނެއެވެ.