މުހައްމަދު ޝަމްއޫން - ބަންގްލަދޭޝް، ޑާކާ

އިންޑިއާއިން އެޓީމުގެ އެންމެ ސީނިއާ ސްކޮޑު ސާފް ޗެމްޕިއަންޝިޕަށް ނުގެނައީ މުބާރާތަށް ދޭ ސަމާލުކަން ކުޑަކަމުން ނޫން ކަމަށާއި އެއީ މިހާރު ހާލަތު އޮތް ގޮތުން ކަމަށް ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ.

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ނުވަ ފަހަރަށް ތަށި ހޯދާފައިވާ އިރު، އެންމެފަހުން 2023 ވަނަ އަހަރު އަމިއްލަ ގައުމުގައިވެސް ތަށި ނެގީ އިންޑިއާއެވެ. އެއީ ކުވައިތާއި ލުބުނާނުވެސް ވާދަކުރި މުބާރާތުންނެވެ. މިފަހަރު ރަސްމީކޮށް ފީފާ އިންޓަނޭޝަނަލް ބްރޭކް ފަށަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ދުވަހާ ގްރޫޕް ސްޓޭޖު މެޗުތައް ދިމާނުވާތީ އެކަމުގެ ދަތިތައް ހުއްޓެވެ. އިންޑިއާއިން މި އިންޓަނޭޝަނަލް ބްރޭކްގައި ނިއު ޒިލޭންޑާ ދެކޮޅަށް ދެމެޗުވެސް ކުޅެން ރާވާފައިވާ އިރު، ސާފަށް ގެނައީ ޒުވާން ކުޅުންތެރިންނާއި ސީނިއާ ބައެއް ކުޅުންތެރިން ހިމެނޭ ދެވަނަ ފަންތީގެ ޓީމެކެވެ.

"ސާފަށް ސަމާލުކަން ނުދެނީކީ ނޫން. އަހަރެމެންނަށް އުނދަގޫ ވަނީ ފީފާ ވިންޑޯއެއް ނޫންވީމަ. މުޅި ދުނިޔޭގައިވެސް އޮންނަ ކަމެއް އެއީ ފީފާ ވިންޑޯ. އަހަރެމެންގެ ލީގު މާދަމާވެސް އެބަކުޅޭ. އެހެންވީމަ އަހަރެމެންނަށް މުހިއްމު ނޫނީކީ ނޫން. އެއީ ހާލަތު އޮތް ގޮތް. މިއީ އަހަރެމެންގެ ހަމައެކަނި ޒުވާން ސްކޮޑެއް ނޫނީ ބީ ޓީމެއް ނޫން. މިއީ އަހަރެމެންގެ ސީނިއާ ޓީމުގެ ބައެއް ހުނަރުވެރި ކުޅުންތެރިންނާވެސް އެކު،" ނައުޝާދު ބުންޏެވެ.

ކޯޗު ނައުޝާދު ބުނީ ޓީމަކީ އެންމެ ސީނިއާ ޓީމު ނޫން ނަމަވެސް، ހުނަރުގެ ގޮތުން ރަނގަޅު ޓީމެއް ކަމަށެވެ. އަދި ސާފުގެ ތަށި ދިފާއުކުރަން މަސައްކަތް ނުކުރާނަމެކޭ ނުބުނާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"އަހަރެމެންނަށް ރަނގަޅު ވަގުތެއް ނުލިބޭ ތައްޔާރުވާކަށް. އެއީ އަހަރެމެން ލީގު ކުރިއަށްދާތީ. އަހަރެން މިއައީވެސް ފުލް ސްކޮޑު ގޮވައިގެން ނޫން. އެއީ މިވަގުތަށް އޮތް ހާލަތު. އަހަރެން މިއައީ ޒުވާން ޓީމަކާއެކު. އަހަރެމެންގެ ސީނިއާ ސްކޮޑު މިވަގުތު ތައްޔާރުވަނީ ނިއު ޒިލޭންޑަށް ދާން. އަހަރެމެންނަށް ތަށި ދިފާއުކުރަން އޮތް ޕްރެޝަރު އެއީ އުފަލެއް. އަހަރެމެންގެ އެންމެ ފުރަތަމަ ޓާގެޓަކީ ރަނގަޅު ކުޅުމެއް ކުޅުން. އެކަން ކުރުން އެއީ އެންމެ މުހިއްމު ކަމަކީ،" މިއަދުގެ ޕްރެސްގައި ކޯޗު ފާހަގަކުރިއެވެ.

އިންޑިއާއިން މިފަހަރު ފުރަތަމަ ކުޅޭ މެޗުގައި މާދަމާ ވާދަކުރާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗަކީ ހާއްސަ ވާނެ މެޗެއްކަން ކޯޗު ނައުޝާދު ފާހަގަކުރިއެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ރުޅިވެރިކަމެއް ޕާކިސްތާނާ ދޭތެރޭ ނެތް ކަމަށް ނައުޝާދު ބުނި އިރު، އޭނާ ފާހަގަކުރީ ކުޅުންތެރިން ގައިގައި ބައްދާލަންވެސް މައްސަލައެއް ނެތް ކަމަށެވެ.

ނައުޝާދު ބުނީ ޕާކިސްތާނު ޓީމު މިހާރު އޮންނާނީ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، އެކަމަށް ވިސްނައިގެން މެޗަށް ނުކުންނާނެ ކަމަށެވެ.