މުސާރަ ނުލިބޭތީ ކ. ބޮލިދުއްފަރުގައި އިހުތިޖާޖުކުރުމުން ބަންދުކޮށްފައި ތިބި ބިދޭސީ މަސައްކަތްތެރިން ވަގުތުން ދޫކޮށްލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރަންސީން ނެރުނު ބަޔާނެއްގައި ބުނީ، ބޮލިދުއްފަރު ފަޅުގައި ރިސޯޓެއް ތަރައްގީކުރާ ސައިޓެއްގައި ފެށި އިހުތިޖާޖަކާ ގުޅިގެން ބިދޭސީ 21 މަސައްކަތްތެރިން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓުތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ސުލްހަވެރިކަމާއެކު ކުރާ މަސައްކަތްތެރިންގެ އިހުތިޖާޖެއްގައި ބައިވެރިވުމުގެ ސަބަބުން މަސައްކަތްތެރިން ބަންދުކުރުމަކީ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމެއް ކަމަށާއި، އެއީ ހައްގުތައް ދިފާއުކުރަން މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން ބަދަލުހިފުމުގެ އަމަލެއް ކަމުގެ ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށާއި ހުރިހާ މަސައްކަތްތެރިންނަށް އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމާއި ހަޅުތާލުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ. އެހެންކަމުން، އެ ހައްގުތައް ބޭނުންކުރުމުގެ ސަބަބުން އެއްވެސް މަސައްކަތްތެރިއަކާ ދެކޮޅަށް ބަދަލުހިފުމުގެ ފިޔަވަޅެއް އެޅުމާއި، ބަންދުކުރުން ނުވަތަ ބިރުދެއްކުން ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ، ބަންދުކޮށްފައި ތިބި މަސައްކަތްތެރިން ވަގުތުން ދޫކޮށްލުމަށާއި، ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމުގެ ދުސްތޫރީ ހައްގު ބޭނުންކޮށްގެން އެއްވެސް މަސައްކަތްތެރިއަކަށް އަދަބު ނުދޭނެކަން ކަށަވަރުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ގޮވާލައިފައެވެ. ހަމައެއާއެކު، މަސައްކަތްތެރިން ބަންދުކުރި މައްސަލައާއި އިންސާނީ ހައްގުތަކާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ވެސް ވަނީ ގޮވާލައިފައެވެ. އަދި އިހުތިޖާޖުކުރަން މެދުވެރިވި ސަބަބުތައް ވަގުތުން ތަހުގީގުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އަށް ވެސް އެ ޖަމިއްޔާއިން ގޮވާލިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބިދޭސީ 21 މަސައްކަތްތެރިން ވަނީ ޑީޕޯޓްކޮށްލުމަށްޓަކައި ސީދާ އެއާޕޯޓަށް ގެންގޮސްފައެވެ. އަދި ފުރުމަށް ދެކޮޅު ހެދި 20 މަސައްކަތްތެރިންނާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ އިމިގްރޭޝަނާއި ވަޒީފާދޭ ފަރާތުން ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރަންސީން ބުނީ، އަމިއްލަ ހައްގުތައް ބޭނުންކޮށްގެން އެއްވެސް މަސައްކަތްތެރިޔަކު ޑީޕޯޓް ނުކުރެވޭނެ ކަމަށާއި، އެ ނިންމުން ވަގުތުން ބާތިލުކުރުމަށް ގޮވާލާ ކަމަށެވެ.