ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެ އަށް ކުރިއެރުމެއް ނުލިބި، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ތިން ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން މިއަދު އާންމުކުރި ސީޕީއައިގައި ރާއްޖެ އޮތީ 38 ޕޮއިންޓާ އެކު 180 ގައުމުގެ ތެރެއިން 96 ވަނައިގައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ޕޮއިންޓެއްގެ ވެއްޓުމެކެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ނަތީޖާއިން ހާމަވަނީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މާ ބޮޑު ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިވާ ނުވާކަން ކަމަށެވެ.

މީގެ އިތުރުން ނިޒާމީ ކޮރަޕްޝަން ވެރިކަމުގެ އެންމެ މަތީ ފަންތީގައި ވެސް ހިމެނޭ ކަމަށާއި މީގެ ކުރިން ކޮރަޕްޝަންގެ ބޮޑެތި ހިޔާނާތްތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން ޒިންމާ އުފުލާފައި ނުވާކަން ވެސް އެ ނަތީޖާއިން ދައްކުވައިދޭ ކަމަށެވެ.

އެ ބަޔާނުގައި ޓްރާންސްޕޭރެންސީން ވަނީ ކޮރަޕްޝަން ހިންގާ މީހުން ހިމާޔަތް ކުރުން ހުއްޓާލައި ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގު ކުރުމަށް ގޮވާލައިފައެވެ،