މިދިޔަ އަހަރުތަކުގައި ތެރޭގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން އެންމެ އުނދަގޫ ހާލަތެއްގައި އޮތް އެއް ގައުމަކީ ޕާކިސްތާނެވެ. 2017 އިން 2025 އާ ދޭތެރޭ އެގައުމުން ފީފާގެ ތިން ސަސްޕެންޝަންތަކެއްގެ ތެރޭގައި އުޅެން ޖެހި، 10 ވަރަކަށް އަހަރު ރަސްމީކޮށް ފުޓުބޯޅައިގެ ކުރިމަގު އޮތީ ބަނަ ކަމެއްގައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ޕާކިސްތާނުން މަޑުމަޑުން ފުޓުބޯޅަ އަލުން ބިނާކުރަމުން އައިސް، މިއަހަރު ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބުކުރިއެވެ. އެއީ އެގައުމުން މިދިޔަ އަހަރުތަކުގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން 0-0 އިން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ އެއްވަރުވި ނަމަވެސް، ދެވަނަ މެޗުގައި ރާއްޖެ އަތުން 3-0 އިން މޮޅުވިއެވެ. އެއީ 1991 ވަނަ އަހަރުގެ ސާފް ގޭމްސް ފައިނަލަށް ފަހު ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި އެއީ ރާއްޖޭގައި ކުޅެގެން ޕާކިސްތާނުން ރާއްޖެ ކައިރިން ހޯދި ފުރަތަމަ މޮޅެވެ. އަދި އެފަހަރު އެއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ޕާކިސްތާން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.
ޕާކިސްތާނުން ދެން ކުޅުނު ދެ މެޗުގައިވެސް އަފްގާނިސްތާންގެ މައްޗަށް 2-0 އިން ކުރިހޯދިއެވެ. އެއީ ލީގު ބުރުގެ ފަހު މެޗާއި ފައިނަލުގައެވެ.
"ދިހަ ވަރަކަށް އަހަރު ދުވަހު ޕާކިސްތާނުގެ ފުޓުބޯޅަ ރަސްމީކޮށް ފަނޑުކަމެއްގައި އޮތް އޮތުމުން ބޮޑެތި ގެއްލުންތަކެއްވި. އެހެން ގޮސް ގައުމީ ޓީމާއެކު ތަށްޓެއް ހޯދުމަކީ ބޮޑު ކާމިޔާބީއެއް. ހާއްސަކޮށް ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ދުވަސްތަކަށްފަހު އެ ކާމިޔާބީ ހޯދުމަކީ ލިބުނު ބޮޑު ހަމަޖެހުމެއް. އެއީ ޕާކިސްތާނުގެ ރައްޔިތުންނަށް ޓީމާމެދު އުންމީދު ކުރަން ލިބުނު ކާމިޔާބީއެއް،" ޕާކިސްތާނުގެ ކެޕްޓަން، ސްވިޑެންގެ އެންމެފަހުގެ ޗެމްޕިއަން މިޔެލްބީއަށް ކުޅެމުންދާ އަބްދުﷲ އިގްބާލް "ވޯލްޑް ސޮކާ މެގަޒިން"އަށް ބުނެފައިވެއެވެ.
އިގްބާލަކީ ޕާކިސްތާނުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އޭނާ ޔޫރަޕްގައި ކުޅެމުންދާ އިރު، އެޓީމުން ދަނީ ކޮންފަރެންސް ލީގުގައިވެސް ކުޅެމުންނެވެ. މިދިޔަ ސީޒަނުގެ ސްވިޑެން ކަޕްވެސް އިގްބާލް ހޯދި އިރު، ޕާކިސްތާނުގެ ކެޕްޓަން ބޭންޑަކީ ބޮޑު ޝަރަފެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއާއި ރާއްޖެއާ އެއް ގްރޫޕެއްގައި ޕާކިސްތާން ހިމެނޭ އިރު، އެގައުމުގެ ފުރަތަމަ މެޗަކީ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއީ މުބާރާތް ފަށާ ދުވަހުއެވެ. ފަސްވަނަ ދުވަހު އެ މެޗު ކުޅުމަށްފަހު ދެން ޕާކިސްތާނުން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ރަސްމީކޮށް އިންޓަނޭޝަނަލް ބްރޭކް ފަށާ ދުވަހަކީ މިމަހުގެ ނުވައެއް ކަމަށްވުމާއެކު އިގްބާލަށް އެ ދެމެޗުވެސް ގެއްލޭނެ ކަމަށް ބެލެވެއެވެ. އެއީ ކްލަބުން ދޫ ނުކުރާތީއެވެ.
"ސާފް ޗެމްޕިއަންޝިޕަކީ މުހިއްމު މުބާރާތެއް،" އާސިއާން ކަޕުވެސް ޕާކިސްތާނަށް ކާމިޔާބުކޮށް ދިޔަ ދިޔުމަށް ބަލައި އިގްބާލް ފާހަގަކުރިއެވެ. އޭނާގެ ފޯކަސް ހާއްސަކުރީ އިންޑިއާ މެޗަށެވެ. 2023 ވަނަ އަހަރު އިންޑިއާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއާއި ޕާކިސްތާން ވާދަކުރި މެޗު، 4-0 އިން ކާމިޔާބުކުރީ އިންޑިއާއެވެ. އެމެޗުގެ ކުރިން ޕާކިސްތާނަށް ލޮޖިސްޓިކް ގިނަ ދަތިތަކެއް ދިމާވެ، މެޗަށް ނުކުތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ.
"އިންޑިއާއާ ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީވެސް ތަފާތު މެޗަކަށްވާނެ. އެހާ ބޮޑު ސްކޯއަކުން އިންޑިއާ ސަޕޯޓަރުން ކުރިމަތީގައި ބަލިވުމަކީ އެއީ ހިތަށް ދަތުވާނެ ކަމެއް. އެކަމަކު އެމެޗަށް އަހަރެމެންނަށް ތައްޔާރެއް ނުވެވުނު. އެވާހަކަ ދެން ބާއްވާ. މިފަހަރު އަހަރެމެން ކުޅެން ޖެހެނީ ނިއުޓްރަލް ދަނޑެއްގައި،" އިގްބާލް ބުންޏެވެ.
ނިއުކާސަލްއަށް ކުޅެފައިވާ ކޯޗު، ނޮލްބާޓް ސޮލާނޯއާއެކު އިސްލާމްއާބާދުގައި ޕާކިސްތާނުން ސާފްގެ ތައްޔާރީތައް ފަށާފައިވާ އިރު، އޭނާގެ އިރުޝާދުގެ ދަށުން ޕާކިސްތާނުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.
ސޮލާނޯ ބުނެފައި ވަނީ ކާމިޔާބީއެއް ހޯދުން އެއީ ހިތްވަރެއް ކަމަށާއި، އޭގެފަހުން އާސިއާން ކަޕްވެސް ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި ސާފްއިން ހާސިލުކުރަން ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު ނަތީޖާއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެންމެ ފަހުގެ ފީފާ ރޭންކިންގައި ދެކުނު އޭޝިއާ ސަރަހައްދުން ސްރީ ލަންކާއާއި ޕާކިސްތާނަށް ކުރިއެރުން ލިބިފައިވެއެވެ. މިދިޔަ ދިގު އިންޓަނޭޝަނަލް ބްރޭކަށްފަހު އިއުލާނުކުރި ފީފާ ރޭންކިންގައި ޕާކިސްތާން އޮތީ 197 ގައެވެ. އެއީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކުގައެވެ. ޕާކިސްތާނަށް ލިބުނު ކުރިއެރުމަކީ އާސިއާން ކަޕްގެ ނަތީޖާއިން ލިބުނު ކުރިއެރުމެކެވެ. އެ މުބާރާތުގައި ފުރަތަމަ މެޗުން ތައިލެންޑް އަތުން 4-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު ދެމެޗުގައި ޕާކިސްތާނުން ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ފިލިޕީންސާ ކުޅެ، 2-2 އިން އެއްވަރުކުރި އިރު، ވިއެޓްނާމް ކައިރީގައި ރަަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެމެޗުން ވީ 4-2 އިން ބައްޔެވެ.
ޕާކިސްތާނަށް މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި އެޓީމަށް މުބާރާތުގެ ފައިނަލްވެސް ކުޅެން ފުރުސަތު ލިބިފައެއް ނުވެއެވެ. އެންމެ ބޮޑު ކާމިޔާބީއަކީ 1997 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުން ތިންވަނަ ހޯދުމެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް