ކުރީގެ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ، ވ. ކެޔޮދޫ، ދޭލިޔާގެ، އަހުމަދު ފާޒިލް (31އ) އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ކުރިން ދީފައިވާ ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. ކްރިމިނަލް ކޯޓުން ފާޒިލް ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އޮގަސްޓް 20 ގައި އޭނާ ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު ފުރަތަމަ އޭނާގެ ބަންދަށް 10 ދުވަސް ޖެހި އިރު، އޭގެ ފަހުން 30 ދުވަސް ޖަހާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާޒިލް އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭނެ އެކަށީގެންވާ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފައެވެ. އެގޮތުން ފުލުހުން ކޯޓަށް ހުށަހެޅި ތަކެތީގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، ފިންގަޕްރިންޓް ރިޕޯޓު ހިމެނެއެވެ. މީގެ އިތުރުން، އޭނާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން ދައްކާ ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓު ވެސް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ހުށަހެޅި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ގޮތުގައި، ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 38.789 ގްރާމުގެ ޑައިމޯފިން އާއި، 22 ގްރާމަށް ވުރެ ގިނަ މެޓަފެޓަމިން ރެސިމޭޓް އަދި 137 ގްރާމުގެ މެތޯފަން އަދި ޑައެޒެޕާމް ހިމެނެއެވެ. އަދި އޭނާގެ ފޯނުން މަސްތުވާތަކެއްޗާ ގުޅުންހުރި ޗެޓްލޮގާއި މަސްތުވާތަކެތީގެ މަންޒަރު ފެންނަ ފޮޓޯ ފެނިފައިވާކަން ދައްކާ މޯބައިލް ފޮރެންސިކް އެކްސްޓްރޭކްޝަން ރިޕޯޓާއި، އޭނާގެ އެކި އެކައުންޓުތަކުން ގިނަ އަދަދަކަށް ފައިސާގެ މުއާމަލާތްކޮށްފައިވާކަން އެނގޭ ފައިނޭންޝަލް އެނާލިސިސް ރިޕޯޓު ވެސް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.