ބަނގުރަލުގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މީހާ ކަމަށް ތުހުމަތުކުރެވޭ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް (53އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް އިތުރުކޮށްފިއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަޝްވާން އެ ކުށްކުރި ކަމަށް ތުހުމަތުކުރެވޭނެ އެކަށީގެންވާ މިންވަރަށް ހެކި ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނިފައިވުމާއި، އިންޓެލިޖެންސް ރިޕޯޓާއި، ފޮޓޯ ރިޕޯޓުގެ އިތުރުން ފިންގާޕްރިންޓް އައިޑެންޓިފިކޭޝަން ނޯޓިސް ހުށަހަޅާފައިވުން ހިމެނެއެވެ.
މީގެ އިތުރުން، ބަނގުރާ ފެނުނު އޮފީސް ތެރޭގައި ވަކި ބަޔަކަށް އެކަނި ވަދެވޭ ގޮތަށް ހުންނަ ތަނެއްގައި ބަނގުރާ ބެހެއްޓުމަށް ޝެލްފް ރެކް ހަރުކޮށްފައިވާ ކަމަށާއި، އެ ތަނަށް ވަނުމުގެ އެކްސެސް ރަޝްވާނަށް އޮންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައަކީ ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހ. މާދޫގެއަށް ވަދެ، އެ ގޭގެ ފުރަތަމަ ބުރިއާއި ފަސްވަނަ ބުރި ބަލައި ފާސްކުރި މައްސަލައެވެ. މިއީ ބަނގުރަލުގެ މައްސަލައެއްގައި އެ ގެ ބަލައި ފާސްކުރި ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގައި މީގެ ކުރިން ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، ރަޝްވާން ހައްޔަރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު އޭނާގެ ބަންދު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ފަހަރަށް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
ފުލުހުން ބުނެފައިވަނީ، ބަނގުރާ ވިއްކާކަމަށް ތުހުމަތުކޮށް ހުއްޓުވުނު މީހުނެގް ތެރެއިން ދެ މީހަކު ވަނީ އެއީ އޭނާގެ ދެ މުވައްޒަފުން ކަމަށާއި އެއީ އޭނާ ބުނެގެން ކުރާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އަދި ފުލުހުން ބަލައި ފާސްކޮށްފައިވަނީ އޭނާއާ ގުޅުންހުރި ތަންތަން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރަޝްވާނަށް ކުރާ ތުހުމަތުތަކަށް އޭނާގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. އެތަންތަން ބަލައި ފާސްކޮށްފައިވަނީ ރަޝްވާން އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ހާޒިރުގައި ނޫން ކަމަަށް އޭނާ ވަނީ ބުނެފައެވެ.
އެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި ތިން މީހުން:
- އަލް އަމީން 34އ ބަންގްލްދޭޝް
- ޕޮލިން 43އ ބަންގްލަދޭޝް
- އެމްޑީ ރަކިބް ހޮސެން 25އ ބަންގްލަދޭޝް
ފުލުހުންގެ އޮޕަރޭޝަނަށްފަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި ފުލުހުން ހިންގި އެ އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ނޫސްވެެރިންނަށް މައުލޫމާތުދިނުމަށްފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކައިފައެވެ. އެ ގޭގެ ފުރަތަމަ ބުރީގައި ގިނަ އަދަދެއްގެ ބަނގުރާ ހުރި އިރު ބަނގުރާ ކޭސްތައްވެސް ހުއްޓެވެ. އެކި ބްރޭންޑުގެ ބަނގުރާ ހުއްޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ގޭގެ ފަސްވަނަ ބުރިންވެސް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް