ފިހާރައެއްގައި އިން ނޭޕާލުގެ އަންހެނަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ ޖަހަންގީރް 20 އަހަރު ދުވަހުގެ މުއްދަަތަކަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ އޯސީސީ ފިހާރައަށް ވަދެ، އެ ފިހާރައިގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލުގެ އަންހެނަކަށް އުމުރުން 25 އަހަރުގެ ޖަހަންގިރް، ހަމަލާދިނީ މިދިޔަ އަހަރުގެ 27 ސެޕްޓެމްބަރުގައެވެ.
މި މައްސަލައިގައި ޖަހަންގިރު ޖެހިގެން އައި ދުވަހު ހައްޔަރުކުރިއެވެ.
މި ހަމަލާގައި އަނިޔާވި ނޭޕާލުގެ އަންހެނެއް ކަމަށްވާ 21 އަހަރުގެ ޗަންދްރިކާ ލިމްބޫ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުނު ނަމަވެސް ފުރާނައަށް ނުރައްކަލެއް ނުވެއެވެ.
މެންދުރުގެ ވަގުތެއްގައި ޖަހަންގިރް އެ ފިހާރަށް ގޮސް، ޗަންދްރިކާއަށް ހަމަލާދިނީ ވަޅިއަކުން ސީދާ އޭނާގެ ކަރަށެވެ.
މި މައްސަލައިގައި ޖަހަންގިރްގެ މައްޗަށް ދައުލަތުން ކުރީ މީހަކާ މެދު ނުރައްކާތެރި މާރާމާރީއެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމްގައި ޖަހަންގިރް 20 އަހަރުގެ މުއްދަތަކަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒުކުރަންޖެހޭނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު ހުކުމެއް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް