އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ފެންނާނެ ކަމާމެދު ސުވާލުތަކެއް އުފެދުނު ނަމަވެސް، އިއްޔެއާ ހަމައަށް ދީފައި އޮތް މުއްދަތުގައި އެގައުމުން ނިންމީ މުބާރާތުގައި ވާދަކުރަން ކަމަށް ނޫސްތަކުން ބުނެފިއެވެ.

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ 17 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ އިންޑިއާ ހިމެނެނީ ރާއްޖެ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ބޫޓާނެވެ.

ސާފް ބާއްވަން ނިންމާފައިވާ ތާރީހުގައި އިންޑިއާއިން ވަނީ އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެން ތައްޔާރުވެފައި ކަމަށެވެ. އެއީ ނިއު ޒީލެންޑާ ދެކޮޅަށެވެ. އިންޑިއާއިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު، ނޮވެމްބަރު 12 ވަނަ ދުވަހު އޮންނާނީ އޯކްލޭންޑްގެ ގޯ މީޑިއާ ސްޓޭޑިއަމްގައި ކުޅެން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ދެވަނަ މެޗު އޮންނާނީ މުޅިން އަލަށް ގައުމީ ޓީމު މެޗަކަށް ތައްޔާރުވަމުންދާ ކްރައިސްޓްޗާޗުގެ ވަން ނިއު ޒީލެންޑް ސްޓޭޑިއަމްގައި ނޮވެމްބަރު 15 ގައެވެ.

އެމެޗުތައް ތާވަލުކޮށްފައި އޮތުމުގެ އިތުރުން ސާފް ފަށަނީ އިންޓަނޭޝަނަލް ބްރޭކްގެ ބޭރުން ކަމަށްވުމާއެކު ކުޅުންތެރިންނަށް ކްލަބުތަކުން ރިލީސް ދިނުމާމެދުވެސް ސުވާލުތަކެއް އޮތުމުން، އިންޑިއާއިން މުބާރާތް ނުކުޅެން މަޝްވަރާ ކުރި ކަމަށް ބައެއް ނޫސްތައް ބުނެފައިވެއެވެ. އެހެންނަމަވެސް ސާފުން ވަނީ މިދިޔަ ހަފުތާގައި އިންޑިއާ ފެންނާނެ ކަމަށް އިއުލާނުކޮށްފައެވެ. ހަބަރުތައް ބުނީ އިންޑިއާއިން ސާފްގައި ކުޅެން ފުރުސަތު ހޯދަން ކްލަބުތަކާއެކު މަޝްވަރާތައް ބޭއްވުމުގެ އިތުރުން ސާފްގެ އިސް ފަރާތްތަކާވެސް މަޝްވަރާ ކުރި ކަމަށެވެ. އަދި އެ މަޝްވަރާތަކާއެކު އިއްޔެގެ ނިޔަލަށްވެސް އޮތީ ވަކި ގޮތެއް ފައިނަލް ނުވެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެހެންނަމަވެސް މިއަދު މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާއިން ސާފްގައި ކުޅެން ވަނީ ނިންމައިފައެވެ. އެއީ 23 އަހަރުން ދަށުގެ ކުޅުންތެރިންނާއެކު ބައެއް ސީނިއާ ކުޅުންތެރިން ހިމެނޭ ޓީމެއް އެކުލަވާލައިގެން ކަމަށްވެސް ނޫސްތައް ބުނެއެވެ. ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ނައުޝަދު މޫސާ އެވެ.

އެންމެފަހުން ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 2023 ވަނަ އަހަރު ކުޅުނު ސާފްގެ ފައިނަލް މެޗުގައި އިންޑިއާއިން ތަށި ހޯދީ ކުވައިތު ބަލިކޮށްގެންނެވެ. އެއީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މުބާރާތަކީ ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ދެ ގައުމުގެ ބައިވެރިވުމާއެކު 2023 ގެ މުބާރާތް ވެގެންދިޔައީ ސާފްގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ.

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ގައުމެވެ.