ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ހިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ބިލުގެ ބަހުސް ނިންމައި މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިބިލް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ބިލް ބަލައިގަތީ އެވަގުތު ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން އެމްޑީޕީ މެންބަރުންނާއެކު 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް އެ ފަރާތްކުން ޓެކްސް ނަގަން ފެށީ މި މަހުގެ އެކަކުން ފެށިގެންނެވެ.

ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިއަދު ބިލް ހުށަހެޅުއްވީ ހަމަ އެ ގާނޫނަށް އިސްލާހު ގެނެސް އެ ޓެކްސް ކަނޑާލުމަށެވެ. ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މި ބިލުގެ މަގުސަދެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ މަންފާއެއް ލިބިފައިވުން ނުވަތަ އެ ފަރާތަކުން ކޮށްފައިވާ މުއާމަލާތުގެ ސަބްސްޓެންސަށް ބަލާއިރު އެކަން ކުރީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހި ކުރުމަށް ކަމަށް ބެލެވޭ ހާލަތުގައި އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ކަމަށް ބެލެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ޖީއެސްޓީ ދެއްކުމުން އެއް ފަރާތްވާން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވިދާނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޝަނާ ޖެނެރަލަށް ވަނީ ލިބިދީފައެވެ.

ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތްތަކަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކާން ޖެހޭ އަދަދު ކުޑަވުމާއި ޖީއެސްޓީ ދައްކާން ޖެހޭ ތާރީހު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ބިލު ފާސްވެ، ތަސްދީގުކޮށް، ގެޒެޓް ކުރާ ހިސާބުންނެވެ.

ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާއިރު، ބިލު ތަންފީޒުކުރުމާ އެކު އިންބައުންޑް ޓުއަރިޒަމްއިން ކުރިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދަޢުލަތަށް ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ. ކުރިން އަންދާޒާކޮށްފައިވާ ގޮތުން، އޮފް ޝޯ ބުކިން ޕްލެޓްފޯމާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއާ އެކު 1608.5 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ބެލެވުނެވެ.