ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް އަމާޒުކޮށްގެން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަނީ، ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބުގެ ކަންފުޅެއްވެސް އެ ޕާޓީއަށް ފެންނާން ނެތުމުން ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީ މެންބަރުން އެ މަޝްރޫއާ ކިތަންމެ ދެކޮޅު ހެދިއަސް އެއީ ކިހިނެއް ހިނގާ ކަމެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
"މި މަޝްރޫއުގެ ސަބަބުން ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް، ލިބޭނެ ލާބައާއި މަންފާ ވަރަށް ރަނގަޅަށް ދިވެހި ހުރިހާ ރައްޔިތުންނަށް އެނގިވަޑަިއގަންނަވާ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ މިހާ ހިސާބަށް ދިވެހި ސަރުކާރަކަށް، މިގައުމުގައި ދުވަހަކުވެސް ނުހިންގޭނެ ވަރުގެ ބިޔަ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު އެމްޑީޕީއަށް ކަމުނުގޮސްގެން އުޅެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ރާއްޖެއަށް މިފަދަ ބޮޑު ކުރިއެއްރުމަށް އަންނަން ނޭދޭތީ ކަމަށްވެސް ވިދާޅުވިއެވެ.
"މި ހުރިހާވެސް މައްސަލައަކީ އެބޭފުޅުންނަަށް މަޝްރޫއު ރަނގަޅު މިއީ ރާއްޖެއަށް އަންނަ އެންމެ ބޮޑު އިންވެސްޓްމަންޓްކަންވެސް އެނގޭ، މީގެން ރާއްޖެއަށް ގެއްލުމެއް ނެތްކަންވެސް އެނގޭ، މީގެން ރާއްޖޭގެ ބިމުން ބައެއް، ބަޔަކަށް ނުދާކަންވެސް އެނގޭ، ހުރިހާ އެއްޗެއްވެސް އެމްޑީޕީއަށް އެނގޭ،"
އެހެންކަމުން އެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންނަށް އެ ޕާޓީން މަނާކޮށްފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"އެހެންކަމުން ހަގީގަތަކީ މިބޭފުޅުން މިއަށް ވާހަކަ ދެއްކިއަސް ވާހަކަ ދައްކަން ޖެހޭނީ ނުސީދާކޮށް، ފާޅުގަ ވާހަކަދައްކައިފިއްޔާ ޕާޓީން ފިޔަވަޅު އަޅާނެ އެހެންވީމަ އެމްޑީޕީއަށްވެސް ރަނގަޅު ގޮތަކީ މި ގައުމަށް ފައިދާ އާއި މަންފާ ލިބޭނެ ގޮތަކަށް އޮތް މަޝްރޫއެއް ހުއްޓުވަން މަސައްކަތް ނުކުރުން،"
އެކަން އެހެން އޮތް ނަމަވެސް ފަލާހު ވިދާޅުވީ، އެމްޑީޕީން އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ، ރައީސް މުއިއްޒުގެ ޒައާމަތުގައި މިކަން ކުރަމުން ދިއުމުން، 2028 ގެ ރިޔާސީ އިންތިހާބުގެ ކުލައެއްވެސް އެމްޑީޕީއަށް ފެންނަން ނެތުމުން ކަމަށެވެ.
"ރައީސް މުއިއްޒުގެ ޒައާމަތުގައި މިކަންކަން ކުރާތީ މި ބޭފުޅުންނަށް ކަމުނުދަނީ، މިބޭފުޅުންނަށް މިހާރު ހަމަ ހައްތާވެސް ގަބޫލު ކުރެވެނީ 2028ގެ ކަންފުޅެއްވެސް ތިމަންނާމެންނަށް ފެންނާކަށް ނެތޭ، އެބޭފުޅުންނަށް އަނދިރިކޮށް 2028 ފެންނަން އޮތީ، އޭތި އަލި ކުުރުމުގެ ނިޔަތުގައި ރާއްޖެއަށް ދަތި ކުރުމުގެ ނިޔަތުގައި މިވާހަކަ ދައްކަނީ،"
އިބްރާހިމް ޒަކީ
ސިޔާސީ
ސިޔާސީ
ކޮމެންޓް