ބަންގްލަދޭޝްގައި އަންނަ މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން އިންޑޮނޭޝިއާގައި ކޭމްޕް ކުރަން ހަމަޖެހިއްޖެއެވެ.
މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ 17 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ އިންޑިއާ، ރާއްޖޭގެ އިތުރުން ޕާކިސްތާނަކީ އެއް ގްރޫޕެކެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ބޫޓާނެވެ.
"ވަން ސްޕޯޓްސް"އަށް އެފްއޭއެމްއިން ޔަގީން ކޮށްދީފައިވާ ގޮތުގައި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން އިންޑޮނޭޝިއާގައި ކޭމްޕް ކުރާނީ މިމަހުގެ 27 އިން ނޮވެމްބަރު މަހު ދެވަނަ ދުވަހަށެވެ. އެއަށްފަހު ރާއްޖޭ ގައުމީ ޓީމުން ބަންގްލަދޭޝްއަށް ފުރަން ނިންމާފައި ވަނީ ރާއްޖެ އައުމަށްފަހުއެވެ.
ރާއްޖޭން ކޯޗު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ އިރު، އޭނާއާއެކު މިހާތަނަށް ހޯދިފައި ވަނީ އެންމެ މޮޅެކެވެ. އެއީ މިދިޔަ މާޗް މަހު މާލޭގައި ޓިމޯ ލެސްޓޭ ކައިރިން ހޯދި މޮޅެވެ. މިހާތަނަށް އުރުބާނީ 20 އަހަރުން ދަށު ޓީމަށްވެސް އިރުޝާދު ދީފައިވާ އިރު، ޖުމުލަ 10 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވެއެވެ.
އެންމެފަހުން ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 2023 ވަނަ އަހަރު ކުޅުނު ސާފްގެ ފައިނަލް މެޗުގައި އިންޑިއާއިން ތަށި ހޯދީ ކުވައިތު ބަލިކޮށްގެންނެވެ. އެއީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މުބާރާތަކީ ސަރަހައްދުން ބޭރުން ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ދެ ގައުމުގެ ބައިވެރިވުމާއެކު 2023 ގެ މުބާރާތް ވެގެންދިޔައީ ސާފްގެ ތާރީހުގައިވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ.
ރާއްޖޭން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ހޯދީ 2018 ވަނަ އަހަރުއެވެ. އެއީވެސް ބަންގްލަދޭޝްގައެވެ. އޭގެ ކުރިން ރާއްޖޭން ސާފްގެ ތަށި ހޯދާފައި ވަނީ 2008 ވަނަ އަހަރުއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް