ތައިލެންޑުގެ ހުރިހާ ގޭބިސީތަކުން 72 ގަޑިއިރަށް ފުދޭނެ ކުއްލި ހާލަތުގެ ދަބަހެއް ތައްޔާރުކުރަން އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަން (ޑީޑީޕީއެމް) އިން އިރުޝާދުދީފިއެވެ.
ތައިލެންޑުގެ ދާހިލީ ވުޒާރާގެ ދަށުން ހިންގާ އެ އިދާރާއާ ހަވާލާދީ ވިއެނެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިރުޝާދު ދީފައިވަނީ ގުދުރަތީ ކާރިސާތަކާއި ކުއްލި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، އެ ގައުމުގެ ހުރިހާ ރައްޔިތުންނާއި ގޭބިސީތަކަށް އަމާޒުކޮށްގެންނެވެ.
މި އެންގުމާ ގުޅޭގޮތުން ޑީޑީޕީއެމްގެ ޑިރެކްޓަރ ޖެނެރަލް ނިރަތު ޕޮންގްސިއްތަވޯން ހޯމަ ދުވަހު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ގިނަ ގައުމުތަކަކުން ކާބޯތަކެތި ރައްކާކުރުމަށް ރައްޔިތުންނަށް އިރުޝާދު ދެމުން އަންނައިރު، ކާރިސާއެއް ކުރިމަތިވާ ފުރަތަމަ 72 ގަޑިއިރަކީ ބައިނަލްއަގުވާމީ މިންގަނޑުން ބަލާއިރު އެންމެ މުހިންމު ވަގުތެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ފޯރުމުގެ ކުރިން، ފުރަތަމަ ތިން ދުވަހު އަމިއްލައަށް ސަލާމަތްތެރިކަން ހޯދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އުފެދިފައިވާ ބައިނަލްއަގުވާމީ ކަންބޮޑުވުންތަކަކީވެސް މި ފިޔަވަޅު އެޅި ސަބަބެއް ކަމަށް އެ އިދާރާއާ ހަވާލާދީ ހައޮސޮދު އިންގްލިޝްއިން ރިޕޯޓުކޮށްފައިވެއެވެ.
ކުއްލި ހާލަތުގެ ދަބަހުގައި މައިގަނޑު ހަ ބާވަތެއްގެ ތަކެތި ހިމެނުމަށް ޑީޑީޕީއެމްއިން ވަނީ ލަފާދީފައެވެ. އޭގެ ތެރޭގައި ބޭހާއި ސިއްހީ ސާމާނު، ކާބޯތަކެއްޗާއި ފެން، މުއާސަލާތީ ވަސީލަތްތަކާއި އާލާތްތައް، މުހިންމު ލިޔެކިޔުންތަކާއި ނަގުދު ފައިސާ، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު އަދި އަންނައުނު ހިމެނެއެވެ. މި ތަކެތި ތައްޔާރުކުރުމުގައި ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށާއި، ނަމަވެސް ހޭލުންތެރިވެ ތިބުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ކޮމެންޓް