ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ތ. ވޭމަންޑޫގައި ތަރައްގީކުރާ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ވޭމަންޑޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރާއި ޔުނިވާސިޓީގެ އިސް ބޭފުޅުންގެ އިތުރުން ވޭމަންޑޫ ކައުންސިލްގެ މެންބަރު ނާއިލާ އަހުމަދާއި ތ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ޝަރީފް އަބްދުލްފައްތާހް ބައިވެރިވެވަޑައިގެންނެވިއެވެ. ވޭމަންޑޫ ކައުންސިލް މެންބަރުންނާއި އިދާރީ މުވައްޒަފުންނާއި ރަށުގެ އިސް ބޭފުޅުންނާއި އިސް ރަށްވެހިންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލް މެންބަރު ނާއިލާ އަހުމަދު ވިދާޅުވީ، ޖިއޮގްރަފީގޮތުން ވަކިވަކިން އުފެދިފައިވާ ރަށްތަކަށް ހަމަހަމަ ތައުލީމީ ފުރުސަތުތައް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ކުރައްވާ މަސައްކަތްޕުޅުތަކަކީ ނުހަނު މުހިންމު މަސައްކަތްޕުޅުތަކެއް ކަމަށެވެ. މި ކެމްޕަސް ގާއިމުވުމުން ވޭމަންޑޫއާއި އެ ސަރަހައްދުގެ ރަށްތަކަށް ދެމެހެއްޓެނިވި ތަރައްގީ ލިބޭނެކަމަށް ނާއިލާ ފާހަގަކުރެއްވިއެވެ.
ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ، މާލޭގައި ހޮސްޓެލް ވަސީލަތްތައް ނެތުމާއި ކުއްޔަށް ދިރިއުޅެން ޖެހުމުގެ ބުރައަށް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބި، ވޭމަންޑޫ ހިމެނޭ ސަރަހައްދުގެ ދަރިވަރުންނަށް އެކޮމޮޑޭޝަންގައި ތިބެގެން ކިޔެވުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށެވެ. ސްކޫލް ނިމުމަށްފަހު ޕީއެޗްޑީއާ ހަމައަށް އަމިއްލަ ސަރަހައްދުގައި ތިބެގެން ތައުލީމު ހާސިލުކުރެވުމަކީ ސަރަހައްދަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށާއި، ބައިނަލްއަގުވާމީ ދަރިވަރުންނާ ދިވެހި ދަރިވަރުން ބައްދަލުވެ ތަޖުރިބާ ބަދަލުކުރެވޭނެ މާހައުލެއް އުފެދޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫއުގެ ކުރިއެރުން ރައްޔިތުން ގާތުން ބަލައި، ޔުނިވާސިޓީއާ ގުޅައިގެން ހިޔާލު ހިއްސާކުރުމަށް މަރުހަބާ ކިޔައި، ކައުންސިލުން ފޯރުކޮށްދިން އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
ގާތްގަނޑަކަށް 23,000 އަކަފޫޓުގެ ބިމެއްގައި ތަރައްގީކުރާ މި ކެމްޕަހުގައި ތިން އިމާރާތެއް ހެދުމަށް ރޭވިފައިވެއެވެ. އެގޮތުން ކްލާސްރޫމްތަކާއި ސެމިނާ ރޫމަކާއި މަލްޓިޕާޕަސް ހޯލަކާއި ލައިބްރަރީއެއް ހިމެނޭ މައި އިދާރީ އިމާރާތަކާއި، 20 ދަރިވަރުންގެ ދަނާލަކާއި ލެކްޗަރާއިންނާއި މުވައްޒަފުންގެ ކުއާޓަރުތައް ހިމެނޭ އެކޮމޮޑޭޝަން އިމާރާތެއް ހެދޭނެއެވެ. ގާތްގަނޑަކަށް 50 މީހުންގެ ޖާގައިގެ މިސްކިތެއްވެސް ބިނާކުރެވޭނެއެވެ. ޖިމް، އިންޑޯ ރެކްރިއޭޝަން ވަސީލަތްތައް، ކެފެޓީރިއާ އަދި ކޮމަން ރޫމް ފަދަ ހިދުމަތްތައްވެސް ކެމްޕަހުގައި ގާއިމުކުރެވޭނެއެވެ.
ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ޑިޒައިން-ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ ދައުލަތުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައެޅިފައިވަނީ ދޮޅު އަހަރު ދުވަހުގެ މުއްދަތެކެވެ.
ކޮމެންޓް