ޅ. ހިންނަވަރާއި ޅ. ނައިފަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ކެމްޕަސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ހިންނަވަރާއި ނައިފަރުގެ އައިޔޫއެމް ކެމްޕަހުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ. ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާނާއި ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަޒީހުގެ އިތުރުން ކައުންސިލް މެންބަރުންނާއި ރަށުގެ އިސް ބޭފުޅުންނާއި އިސް ރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ. ނައިފަރުގައި ބޭއްވި ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އާއި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި ކައުންސިލް މެންބަރުންނާއި ރަށުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިންނަވަރު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު މުހައްމަދު އަބްދުއްރަހުމާން ވިދާޅުވީ، ހިންނަވަރުގެ ރައްޔިތުން މާލެއަށް ބަދަލުވާ އެންމެ މައިގަނޑު އެއް ސަބަބަކީ މަތީ ތައުލީމުގެ ފުރުސަތު ރަށުގައި ނެތުން ކަމަށެވެ. ޔުނިވާސިޓީ ކެމްޕަހެއް ރަށުގައި ގާއިމުވުމުން، ސައެންޓިފިކް ވިސްނުންތެރި ސިކުނޑިތައް އެ ސަރަހައްދުގައި ތިބެ ހިދުމަތް ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރަށުގައި ހުރި ވަސީލަތްތައް ތަރައްގީކުރުމާއި މުޖުތަމައުގެ ދެމެހެއްޓެނިވި ކުރިއެރުމާ މި މަޝްރޫއު ސީދާ ގުޅިފައިވާ ކަމަށާއި، ކުރިމަގުގައި ހިންނަވަރަކީ ސަރަހައްދީ ތައުލީމީ މައި މަރުކަޒަކަށްވެ، އަންނަން އޮތް ޖީލުތަކަށް ގައުމީ ފެންވަރުގައި ފައިދާކުރާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ނައިފަރު ރަސްމިއްޔާތުގައި ކައުންސިލް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، އައިޔޫއެމް ފަދަ މުއައްސަސާއެއް ދާއިމީ ގޮތެއްގައި ރަށުގައި ހުރުމަކީ ނައިފަރާއި ކައިރި ރަށްތަކުގެ ދަރިވަރުންނަށް އަތޮޅުގައި ތިބެގެން މަތީ ތައުލީމު ހޯދުމުގެ ބޮޑު ފުރުސަތެއް ކަމަށެވެ. އާއިލާ ގާތުގައި ތިބެ ކިޔެވުމުގެ މަގުފަހިވެ، އެކަމުން އުފެދޭ ހުނަރުވެރިންގެ ސަބަބުން ރަށާއި މުޖުތަމައަށް ދެމެހެއްޓެނިވި ފައިދާ ކުރާނެ ކަމަށް ވިދާޅުވެ، މި އިސްނެންގެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.

11 ނޮވެމްބަރު 2026، އައިޔޫއެމްގެ ނައިފަރު ކެމްޕަހުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ އައިޔޫއެމް

ދެ ރަސްމިއްޔާތުގައިވެސް ވާހަކަދެއްކެވި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު، ހިންނަވަރު ރަސްމިއްޔާތުގައި ވިދާޅުވީ ރާއްޖޭގެ ތައުލީމީ ފެންވަރު ދުވަހެއް ދުވަހަކަށް މައްޗަށް ދާ ކަމަށާއި، އިލްމު ހޯދުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އިސްލާމްދީންވެސް ބާރުއަޅާ ކަމަށެވެ. ހިންނަވަރު ކެމްޕަހާއެކު އެ ރަށް އެކަހެރި ރަށެއްގެ ގޮތުގައި ނޯވެ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި ލެކްޗަރާއިން ޒިޔާރަތްކޮށް، އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކުން އިލްމު ބަދަލުކުރެވޭ މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

ނައިފަރު ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު ވިދާޅުވީ ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު އެ ކެމްޕަހުން ތަނަވަސްވާނެ ކަމަށާއި، ތާރީހީ ގޮތުންވެސް ނައިފަރަކީ ތައުލީމާ ގުޅިފައިވާ ރަށެއް ކަމަށެވެ. ރައީސް މުއިއްޒު ރަށްރަށުގައި ޔުނިވާސިޓީ ތަރައްގީކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، ކަނޑައެޅިފައިވާ މުއްދަތަށް މަޝްރޫއު ނިންމުމަށް ބާރުއަޅުއްވައި ގާތުން މޮނިޓާކުރައްވާނެ ކަމުގެ ޔަގީންކަން ދެ ރަސްމިއްޔާތުގައިވެސް ދެއްވިއެވެ.

އައިޔޫއެމުން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ދެ ކެމްޕަހުގައިވެސް ބިނާކުރެވެނީ އެޑްމިން ބްލޮކަކާއި، އެކޮމޮޑޭޝަން އިމާރާތެއް އަދި 50 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ. އެޑްމިން ބްލޮކްގައި ކްލާސްރޫމްތަކާއި ސެމިނާ ރޫމަކާއި މަލްޓިޕާޕަސް ހޯލަކާއި ލައިބްރަރީއެއް އަދި އިދާރީ އޮފީހާއި މީޓިން ރޫމް ހިމެނެއެވެ. އެކޮމޮޑޭޝަން ބައިގައި 20 ދަރިވަރުންނަށް ޖާގަ ހިމެނޭ ދަނާލަކާއި، ލެކްޗަރާއިންނާއި މުވައްޒަފުންގެ ކުއާޓަރުތަކުގެ އިތުރުން ޖިމް، އިންޑޯ ރެކްރިއޭޝަން ވަސީލަތްތައް، ކެފެޓީރިއާ އަދި ކޮމަން ރޫމް ހުންނާނެއެވެ. ހިންނަވަރުން ގާތްގަނޑަކަށް 23،000 އަކަފޫޓުގެ ބިމެއް އަދި ނައިފަރުން 23،000 އަކަފޫޓުގެ ބިމެއް ކައުންސިލްތަކުން ވަނީ ޔުނިވާސިޓީއަށް ރަޖިސްޓްރީ ކޮށްދީފައެވެ.

ދައުލަތުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނޭ މި ދެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.