އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމް-ފައިސާ، އޮޑިގޯ އެޕާ ގުޅާލައި، އެމް-ފައިސާ މެދުވެރިކޮށް ރަށްރަށުގެ ދަތުރުތަކުގެ ބުކިންގްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

އުރީދޫން މިރޭ ބުނީ، އެއީ މުޅި ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ކަސްޓަމަރުންގެ އާންމު ދަތުރުފަތުރުގެ ކަންކަން އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.

"އޮޑިގޯގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ހިމަނާފައިވާއިރު، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ހޯދައި، ލިބެން ހުރި ދަތުރުތައް އަޅައި ބަލައި، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ސީދާ ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަކޮށްލެވޭނެއެވެ. ބުކިންގް ކަށަވަރުވުމާއެކު، ކަސްޓަމަރުންނަށް ޑިޖިޓަލް ބޯޑިންގް ޕާހެއް ލިބޭނެ ކަމަށާއި، މިއީ ފެށުނީއްސުރެ ނިމެންދެން ފަސޭހަ ޑިޖިޓަލް ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމެކެވެ" އުރީދޫން ބުންޏެވެ.

އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް، އަހުމަދު ނުއުމާން ވިދާޅުވީ އުރީދޫގެ ތަސައްވަރަކީ އެމް ފައިސާ ޑިޖިޓަލް ޕޭމަންޓުތަކަށް ވުރެ ފުޅާކުރުން ކަމަށެވެ.

އެގޮތުން، ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށް ދިނުމަކީ އެމް ފައިސާގެ މަގްސަދުކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޑިގޯ މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިދީ، އަޅުގަނޑުމެން މިދަނީ ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރަށް ލުއިފަސޭހަކޮށްދެމުންނެވެ. މީގެ އިތުރުން، މި ބައިވެރިވުމުން ދައްކުވައިދެނީ ދިވެހި އުފެއްދުންތެރި ޑިޖިޓަލް އީޖާދުތަކަށް އެއްބާރުލުން ދިނުމަށާއި، މުޅި ރާއްޖޭގައި އިތުރަށް ގުޅިފައިވާ ވަރުގަދަ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތެވެ" ނުއުމާން ވިދާޅުވިއެވެ.

އޮޑިގޯއަކީ ދަތުރުފަތުރާއި، މުނިފޫހިފިލުވުމާއި އަދި ކަނޑުދަތުރުފަތުރާ ގުޅޭ ހިދުމަތްތައް އެއް އެޕަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ދިވެހި ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިދުމަތްތައް ހޯދައި، ބުކްކޮށް އަދި ބޭނުންކުރުން ފަސޭހަވެ، އެކި ތަންތަނުން ބުކިންގް ހެއްދުމަށް ކުރަންޖެހޭ މަސައްކަތް މަދުވެގެންދެއެވެ.

ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުފަތުރުގެ އިތުރުން، އޮޑިގޯއިން ދަނީ ދަތުރުފަތުރާއި ކަނޑުމަތީގެ ކަންކަމާ ގުޅުންހުރި ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން، ކަސްޓަމަރުންނަށް ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތައް ބުކްކުރުމާއި، އުޅަނދުފަހަރާއި ފްލީޓްތައް ބަލާލުމާއި، އުޅަނދުފަހަރުގެ ވެރިންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅާލުމުގެ އިތުރުން، މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތަކާއި އެހެނިހެން އުފެއްދުންތައް ހިމެނޭ މާކެޓްޕްލޭސްއެއް ބޭނުންކޮށްލެވެއެވެ.

މީގެ އިތުރުން މި ޕްލެޓްފޯމުގައި ރާއްޖޭގެ ތަފްސީލީ ކަނޑުގެ ޗާޓެއް ކަމަށްވާ އޮޑިމެޕް އަދި ކަނޑާއި މަސްވެރިކަމުގެ ލަފާކުރުންތައް ހިމެނޭހެން ދިވެހި ސަގާފީ މޫސުމީ މައުލޫމާތު ފޯރުކޮށްދޭ ނަކަތް ހިމެނެއެވެ.

އުރީދޫން ބުނީ އޮޑިގޯ އެފްގައި އެމް ފައިސާ ހިމެނުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ނިޒާމުގެ ތެރޭގައި އެމް-ފައިސާގެ ދައުރު އިތުރަށް ފުޅާވެ، ކޮންމެ ދުވަހަކު ބޭނުންކުރާ ގިނަ ހިދުމަތްތަކަކަށް ޑިޖިޓަލް ޕޭމަންޓް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެއް ޑިޖިޓަލް މާލީ ހިދުމަތްދޭ ޕްލެޓްފޯމުގެ ހައިސިއްޔަތުން، އެމް-ފައިސާއިން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ މޮބައިލް ފޯނު މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މާލީ މުއާމަލާތްތައް ބެލެހެއްޓޭނެ މަގު ފަހިކޮށްދޭކަމަށް އުރީދޫން. ބުންޏެވެ.

އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ފޮނުވުމާއި، ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، މޮބައިލް ހިދުމަތްތައް ރީޗާޖުކުރުމުގެ އިތުރުން، ފުޅާވަމުންދާ ގިނަ ޑިޖިޓަލް މާލީ ހައްލުތަކެއް ބޭނުންކުރެވެއެވެ.

މިއަހަރުގެ ކުރީކޮޅު ޕޭޕަލް ގުޅާލުމާއެކު، އެމް-ފައިސާއިން ވަނީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ގާބިލުކަން އިތުރުކޮށް، ގުޅާލާފައިވާ ޕޭޕަލް އެކައުންޓްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދީފައިކަމަށް އުރީދޫން ބުންޏެވެ.

އޮޑިގޯ ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކާ ގުޅިގެން މަސައްކަތްކޮށް، އުރީދޫ ފިންޓެކުން ދަނީ ދިވެހި އީޖާދުތަކަށް އެއްބާރުލުން ދިނުމާއެކު، މުޅި ގައުމުގައި ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރުން އިތުރުކުރުމަށް ހިތްވަރު ދެމުންކަމަށް އުރީދޫން ބުންޏެވެ.

ޖޯގްރަފީ ގޮތުން ވަކިވަކިން އުފެދިފައިވާ ރާއްޖޭގެ މުޖުތަމައުތަކުގައި، ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުފަތުރާއި ޑިޖިޓަލް މާލީ ހިދުމަތްތައް ފަސޭހައިން ލިބެން ހުރުމަކީ އާންމު ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަކަށް ވާތީ، މި ގުޅާލުމަކީ ރާއްޖެއަށް ވަކިން ހާއްސަކޮށް މުހިންމު ފިޔަވަޅެއްކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ޑިޖިޓަލް މާލީ ހިދުމަތްތަކަށާއި ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކަށް މެދުކެނޑުމެއްނެތި ކުރާ އިންވެސްޓްމަންޓްތައް މެދުވެރިކޮށް، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ތަސައްވުރު ކުރިއަށް ގެންދިއުމަށާއި، ވިޔަފާރިތައް ބާރުވެރިކުރުވުމަށާއި، ކޮންމެ ދުވަހެއްގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށާއި، އަދި އިތުރަށް ގުޅިފައިވާ، އެންމެން ޝާމިލުވާ ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށް އުރީދޫ ފިންޓެކުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

އޮޑިގޯ އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ޝަރުތު ހަމަވާ ދަތުރުފަތުރުގެ ބުކިންގްތަކަށް ފައިސާ ދެއްކޭނެ ގޮތެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ވަނީ ހިމަނާފައިކަމަށް އުރީދޫން ބުންޏެވެ.