ޑްރަގު ކެފޭއެއް ގޮތަށް ހިންގި އެޕާޓްމަންޓެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރުން އަދި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންނަކީ ނ. ކެނދިކުޅުދޫ، ކުޅުދޫ، ގުލްފާމްގެ، ޒަޔާން ޔޫސުފް (23އ) އާއި ފ. ފީއަލި، ދޯދިލް، މައިޝަމް މުހައްމަދު (21އ) އާއި ހ. މިކްލްބުޝް، އަހުމަދު އަކްރަމް (45އ) އާއި ކ. ތުލުސްދޫ، ވައިޓްރޯސް، މުހައްމަދު ހަމްދާން (41އ) އާއި ރ. ދުވާފަރު، ކެމަރާގެ، އަހުމަދު ނޫހު މުހައްމަދު (24އ) އަދި ރ. އަނގޮޅިތީމު، ފިނިވާގެ، އަޒްމީ އަލީ ރަޝީދު (39އ) އެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ހަ މީހުން ވެސް 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްވުމަށް ވަނީ އަމުރުކޮށްފައެވެ. ހެކީގެ ގޮތުގައި ފުލުހުން ވަނީ ސީނަށްދިޔަ ފުލުހެއްގެ ބަޔާނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި ހެކިވެރިއެއްގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓުގެ އިތުރުން އެމީހުންގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓު ކޯޓަށް ހުށަހަޅައިފައެވެ.

އެމީހުންގެ ބަންދު އަމުރުގައިވާގޮތުން އެމީހުން ތިބި އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރި ކަމަށާއި އެތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަނެއް ކަމާއި، އެތަނުން މަސްތުވާތަކެއްޗާއެކު ފައިސާތައް ރަބަރު ޕެކެޓަށް ލާފައިވާ ކަމަށް އައިއޯ ފާހަގަކުރި ކަމަށެވެ.

އެމީހުންގެ ތެރެއިން ފަސް މީހަކު ވަނީ އެތަނުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނާ ގުޅުމެއް ނެތް ކަމަށް ކޯޓުގައި ބުނެފައެވެ. ނަމަވެސް އަޒްމީ އަލީ ރަޝީދު ބުނި ގޮތުގައި، އެތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޯން ގެންގުޅުނު އެއްޗެއްސެވެ. އަދި އެތަނުން ފެނުނު މަސްތުވާތަކެއްޗަށް އޭނާ ޒިންމާ ނަގާ ކަމަށް އޭނާ ބުނެފައިވެއެވެ.