ޑައިމޯފިން ޓްރެފިކް ކުރި މީހަކު 24 އަހަރާއި 11 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކުރީ، ތ. ގުރައިދޫ ފިނިހިޔާގެ ޝަޔާލް ބިން ރިލްވާންގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރީ، ޑައިމޯފިން ޓްރެފުކް ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި، ބުނެފައި ވަނީ ހ. ޕޔާޒްގޭ ކުރިމަތީގައި ބަހައްޓާފައި ހުރި ސައިކަލެއްގެ މަޑި ދަށުގައި މަސްތުވާތަކެތި ބަހައްޓައި ދެ މީހަކު އޭގެން ވިޔަފާރި ކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމުން، އެ ސަރަހައްދަށް ފުލުހުން ދިޔައިރު އެތަނުގައި ހުރި ސައިކަލެއްގެ މަޑިދަށުގައި އޮތް ފެހި ކޮތަޅެއް ހާވަން ޝަޔާން ހުރިތަން ފެނުނު ކަމަށެވެ.

އެ މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން މަޑިތަކުގެ ދަށް ބެލުމުން، ފޮތިކޮތަޅަކުން، ޑައިމޯފިން ފެނުމުގެ އިތުރުން، ކައްޓާ ފަދަ ސާމާނުތައް ފެނުނެވެ.

އެހެންކަމުން މި ދައުވާގައި ގުރައިދޫ ފިނިހިޔާގެ ޝަޔާލް ބިން ރިލްވާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅިއެވެ.

އެއަށްފަހު، 24 އަހަރާއި 11 މަހަށް އޭނާ ޖަލަށްލުމާއެކު، 100،000 ރުފިޔާއިން ޖޫރިނާކޮށް 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަން ވަނީ ހުކުމް ކޮށްފައެވެ.