ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޑިމާންޑް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ގަބޫލުފުޅު ނުކުރައްވައި، އެ ހަމަލާތައް އަލުން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވި ގޮތުގައި، ތެޔޮ ކާރުހާނާތަކަށް ހަމަލާދިނުން މަޑުޖައްސާލުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

“އެކަން [ތެޔޮ ކާރުހާނާތަކަށް ހަމަލާދިނުން މަނާކުރުން] އުވިއްޖެ. އަހަރެމެންގެ ފަރާތުން އެކަން ނިމުނީ،” ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޓްރަމްޕް އިއުލާންކުރެއްވި “ހަކަތައިގެ ހަމަލާތައް މެދުކަނޑާލުމުގެ” އެއްބަސްވުމަށް އިހުތިރާމުކުރުމުގެ ގޮތުން ޔޫކްރެއިނުން ތިން ދުވަސް ވާންދެން ހަމަލާތައް މަޑުޖައްސާލިއެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައިވެސް ރަޝިޔާއިން ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށާއި އާންމުންނަށް އަމާޒުކޮށް ހަމަލާދެމުން ދިޔަ ކަމަށް ފާހަގަކުރެއްވިއެވެ.

މި ނިންމުމާއެކު، ޔޫކްރެއިނުން ވަނީ ރަޝިޔާގެ ރިޔަޒާން ސަރަހައްދުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ރަޝިޔާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން އެ ކާރުހާނާގައި ވަނީ އަލިފާން ރޯވެފައެވެ. އަދި އެ ސަރަހައްދުގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.

ޔޫކްރެއިނުން މިގޮތަށް ނިންމާފައިވަނީ، ރަޝިޔާއިން އެމެރިކާއަށް ޑީސަލް ފޯރުކޮށްދިނުމަށް ޓްރަމްޕް އެކުލަވައިލެއްވި އެއްބަސްވުމަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ ޖާސޫސީ މައުލޫމާތު މަދުކުރުމާއި، ސްޓާލިންކް ސެޓެލައިޓްގެ ހިދުމަތްތަކަށް ހުރަސްއެޅުމާ ގުޅިގެންވެސް ޒެލެންސްކީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު މައްޗަށް ދާތީ، ރަޝިޔާގެ ތެޔޮ ކާރުހާނާތަކަށް ހަމަލާދިނުން ހުއްޓާލުމަށް ޔޫކްރެއިނަށް ގޮވާލައްވައިފައެވެ. ނަމަވެސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ މި ނިންމެވުންތަކަކީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ފައިދާވާ ގޮތަށް ނިންމަވާފައިވާ ނިންމެވުންތަކެކެވެ. އަދި ޓްރަމްޕް ރަޝިޔާއާއެކު ވިޔަފާރީގެ ގުޅުންތައް ބޭއްވުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ، ޒެލެންސްކީ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.