ގެދޮރު ހެދުމާއި ގެދޮރު ގަތުމަށް ސަރުކާރުން ދޫކުރާ ހިލޭ އެހީއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

ގެދޮރު ހެދުމަށް ދޫކުރާ "ހެލްޕް ޓު ބިލްޑް" ސްކީމާއި ގެދޮރު ގަތުމަށް ދޫކުރާ "ހެލްޕް ޓު ބައި" ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިއުލާންކުރައްވައިގެން، އަލަށް ހުޅުވާލާ ދެ ސްކީމެކެވެ. އެ ދެ ސްކީމުގެ އުސޫލުތައް ވެސް ރޭ ވަނީ ގެޒެޓުގައި އާންމުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން، މި ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ހުޅުވިގެންދާނެއެވެ. އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރު ހެދުމަށް ދޫކުރާ "ހެލްޕް ޓު ބިލްޑް" އަކީ އަލަށް ގެދޮރު ހަދާ ފަރާތްތަކާއި އެ ފަރާތްތަކުގެ މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން އަމިއްލަ ގެދޮރު އިމާރާތް ނުކުރެވި ހުންނަ ހާލަތުގައި އެ ފަރާތްތަކުގެ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމުގެ މަގުފަހިކޮށްދިނުމަށްޓަކައި ހިންގާ ބޯހިޔާވަހިކަމުގެ މާލީ އެހީ ދޭ ސްކީމެކެވެ. ގްރޭޓާ މާލޭ ސަރަހައްދުން ހިލޭ އެހީގެ ގޮތުގައި ދެ ލައްކަ ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އެހެން ރަށްރަށުގައި ހިލޭ އެހީގެ ގޮތުގައި ގޯއްޗަކަށް ދޫކުރާނީ ދެ ލައްކަ ރުފިޔާ ކަމަށް އުސޫލުގައިވެއެވެ.

އުސޫލުގައިވާގޮތުން މާލެ ސަރަހައްދުން ގޯތީގެ ވެރިފާރާތުގެ ތެރެއިން އެޕްލިކޭޝަން ހުށަހެޅުމާއެކު، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ހިލޭ އެހީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ލިބޭގޮތަށް ގިނަވެގެން ޖުމުލަ ފަސް މީހުންނަށް ނިސްބަތްވާ ވަރަށް ފައިސާ ދޫކުރެވޭނެއެވެ. އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސަންވާނީ މި ސްކީމުގައި ބައިވެރިވާ މާލީ އިދާރާއަކަށް އެޕްލިކަންޓް ހުށަހަޅައި ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިގެންނެވެ. ނަމަވެސް ކުރިން ނަގާފައިވާ ފެސިލިޓީއެއްގެ ދަށުން ފައިސާ އިތުރުކުރުމަށް ނުވަތަ "ރީފައިނޭންސް" ކުރުމަށް މި ފެސިލިޓީ ބޭނުން ނުކުރެވޭނެ ކަމަށް އުސޫލުގައިވެއެވެ.

މި ސްކީމަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ގެދޮރު ބިނާކުރުމަށް އެދޭ ގޯތި ހުރި ރަށަކީ އެހީއަށް އެދޭ ފަރާތުން ދިރިއުޅެމުންދާ ރަށަށްވުމާއި، އެހީ ހޯދާ އިމާރާތަކީ އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދުގެ ދަށުން އިސްތިސްނާކޮށްފައިނުވާ ބާވަތުގެ އިމާރާތެއް ނަމަ، އިމާރާތްކުރުމުގެ ހުއްދަ ނަގާފައިވާ ތަނަކަށްވުމާއެކު އެތަނަށް ދީފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިނުވުން ހިމެނެއެވެ. މީގެ އިތުރުން އެހީއަށް އެދި ހުށަހަޅާ ފަރާތަކީ މި ސްކީމުގައި ބައިވެރިވާ މާލީ އިދާރާއަކުން ދޫކުރާ ގެދޮރު އިމާރާތްކުރުމުގެ ފައިނޭންސިން ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށްވުން ވެސް ހިމެނެއެވެ.

މި ސްކީމުގައި ބައިވެރިވެވޭނީ އެމީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއްގައި ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއްގައި އެމީހަކަށް ދިރިއުޅެވޭނެ އެކަށީގެންވާ ގެދޮރެއް ނުވަތަ ހައުސިން ޔުނިޓެއް ނެތް މީހުންނަށެވެ. މީގެ އިތުރުން ހައުސިން ޔުނިޓެއް ލިބިފައިވާ މީހުންނާއި 20 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގުގައި ދޫކޮށްފައިވާ ގެދޮރު އިމާރާތްކުރާ ލޯނެއް ނުވަތަ ފައިނޭންޝަލް ފެސިލިޓީއެއް ލިބިފައިވާ މީހުންނަށް މި ސްކީމުގައި ބައިވެރިނުވެވޭނެއެވެ. މީގެ އިތުރުން ވެސް މުދަލުގެ މިލްކުވެރިކަމުގެ މިންގަނޑުތަކެއް އުސޫލުގައި ވަނީ ހިމަނައިފައެވެ.

ގެދޮރު ގަތުމަށް ދޫކުރާ "ހެލްޕް ޓު ބައި" ސްކީމަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް"ގެ ދަށުން ގެދޮރު ގަތުމަށް އެހީ ބޭނުންވާ ރައްޔިތުންނަށް "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމު"ގެ ދަށުން "ގެދޮރު ގަތުމަށް އެހީ"ގެ ނަމުގައި ޝަރީއާގެ މިންގަނޑުތަކާ އެއްގޮތަށް ގެދޮރު ގަތުމަށް އެހީ ދޫކުރާ ސްކީމެކެވެ. މި ސްކީމުގެ ދަށުން ދެ ކެޓަގަރީއަކުން އެހީ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ؛

  • ކެޓަގަރީ 1: ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަތުމަށް ދޭ އެހީ (ހެލްޕް ޓު ބައި އެޕޯޑަބަލް)
  • ކެޓަގަރީ 2: ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީ (ހެލްޕް ޓު ބައި މާކެޓް ރޭޓް ޔުނިޓްސް)

އެގޮތުން ދެ ކެޓަގަރީން ވެސް ހިލޭ އެހީގެ ގޮތުގައި 250،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ހެލްޕް ޓު ބައި އެޕޯޑަބަލް ކެޓަގަރީއަކީ ސަރުކާރުން ދޭ ލުއިތަކާއެކު ޕްރައިވެޓް ޑިވެލޮޕަރުން އިމާރާތްކުރާ ހެޔޮ އަގުގެ ހައުސިން ޔުނިޓުތައް ގަތުމަށް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީތެރިވުމަށް ދޭ ސްކީމެކެވެ. އެ ކެޓަގަރީ ކުރިއަށްދާނީ މާލެ ސަރަހައްދުގައި ހިމެނޭ ރަށްތައް ފިޔަވައި އެހެން ރަށްރަށަށެވެ. ހެލްޕް ޓު ބައި މާކެޓް ރޭޓް ޔުނިޓްސް ކެޓަގަރީ ކުރިއަށްގެންދަނީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށެވެ. މި ކެޓަގަރީން އެހީ ހޯދުމަށް އުސޫލުގައިވާ އިޖުރާއަތުތަކާ އެއްގޮތަށް، ގަންނަ ފަރާތާއި ޑިވެލޮޕަރާ ދެމެދު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޖެހެއެވެ. މި ދެ ކެޓަގަރީގެ ޝަރުތުތައް ވެސް ވަކިވަކިން އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.