މާލެ އަދި ހުޅުމާލޭގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ސަރަހައްދުތަކާއި ބަސް ދަތުރުކުރާ މަގުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ފިޔަވަޅުތަކަކީ ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ޒަމާނީ ޑިޖިޓަލް ނިޒާމުގެ ތެރެއިންކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން އެ އުސޫލު އިއުލާނުކުރާތާ ހަތް ދުވަސް ހަމަވުމުން، ޑިޖިޓަލް ވަސީލަތްތަކާއި ހާއްސަ މޯބައިލް އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގަވާއިދާ ހިލާފުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ.
އަދި އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ވަގުތުން ފޮނުވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައިކަމަށް މިނިސްޓްރީން ބުންޏެވެ.
އާ އުސޫލުގެ ދަށުން އެންމެ ފުރަތަމަ މަރުހަލާގައި ހާއްސަ އިސްކަމެއް ދޭނީ ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށްކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ ވަށައިގެންވާ މަގުތަކުގެ އިތުރުން، މަގު ހުރަސްކުރާ ކަފިހިހުރަސްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަނޑައަޅާފައިވާ ޕާކިން ސްލޮޓްތަކުގައި ޕާކުކުރުން މުޅިން މަނާވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ޓްރެފިކް ބާރުބޮޑުވާ ބައެއް މައި މަގުތަކުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. މާލޭގައި ޕާކުކުރުން މަނާ މަގުތަކުގެ ތެރޭގައި މަޖީދީ މަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު ހިމެނެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހިން ޕާކު ނުކުރެވޭނެކަމަށް ކަނޑައެޅި މަގުތަކަކީ ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގުބަގީޗާ ހިނގުން އަދި ރީތިގަސް މަގެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ޕާކުކުރުން މަނާ މަގުތަކަކީ ހިތިގަސް މަގު، ނިރޮޅު މަގު އަދި އަނައުނާ މަގެވެ.
މިނިސްޓްރީން ބުނީ، މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެންމެހައި ފަރާތްތަކަށްވެސް ރައްކާތެރި، އަމާން ވެއްޓަކަށް ހެދޭނީ އާންމު ރައްޔިތުންގެ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް އެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މިނިސްޓްރީންވަނީ އެދިފައެވެ.
މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ކޮމެންޓް