ކަރަންޓުން ދުއްވާ، އިލެކްޓްރިކަލް ވާޓިކަލް ޓޭކްއޯފް އެންޑް ލޭންޑިން އީވީޓީއޯއެލް އެއާކްރާފްޓުގެ ޑެމޮންސްޓްރޭޝަން އުދުހުންތަކެއް ޗައިނާގެ ކޫލްފްލައި ކުންފުނިން ހުޅުމާލޭގައި ދައްކާލައިފިއެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީއާއި ޗައިނާ އެމްބަސީ ގުޅިގެން އިންތިޒާމުކުރި މި ހަރަކާތަކީ ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަން ބޭނުންކުރެވިދާނެ ދާއިރާތައް ދެނެގަތުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކަށާއި ވިޔަފާރިތަކަށް ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ހުޅުމާލޭ ފޭސް 1 ގެ ޗެނަލް ސަރަހައްދުގައި (ދިރާގު ޓަވަރު ކައިރީގައި) މިއަދު ހެނދުނު 9:00 ގައި ކުރިއަށްގެންދިޔަ މި އުދުހުންތަކަކީ، މޯލްޑިވްސް އެކްސްޕޯ 2026 ގައި ކޫލްފްލައިއިން ބައިވެރިވުމުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދިޔައީ އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިތުރުން، އެމްއެންޑީއެފް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މުޅިން ކަރަންޓުން ދުއްވާ މި އުޅަނދުގެ އުދުހުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް މިފަދަ ޓެކްނޮލޮޖީއެއް ތައާރަފުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި، ސަލާމަތީ މިންގަނޑުތަކާއި، އުމްރާނީ ވަސީލަތްތަކާއި ހުނަރުތައް ވަޒަންކުރުމަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ކަރަންޓުން ދުއްވާ އެއާކްރާފްޓުތަކާއި ސިއްހީ ބޭނުންތަކަށް ހާއްސަ ޑްރޯންތައް މެދުވެރިކޮށް ރާއްޖޭގެ ރަށްތަކަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދެވިދާނެއެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުތަކާއި ލެބޯޓަރީތަކާ ދެމެދު މެޑިކަލް ސާމްޕަލްތައް އުފުލުމާއި، ކުއްލި ހާލަތްތަކުގައި ބޭނުންވާ ބޭހާއި ވެކްސިން ފޮނުވުމާއި، ކާރިސާތަކުގައި ފަސްޓް-އެއިޑް އަދި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ އިތުރުން ތިމާވެށި މޮނިޓާކުރުން ހިމެނެއެވެ. އަދި އެކަށީގެންވާ ފަރުމާތަކާއި ހުއްދަތަކާއެކު ދިގު ރާސްތާގައި ބަލިމީހުން އުފުލުމަށްވެސް މި ވަސީލަތްތައް ބޭނުންކުރެވިދާނެ ކަމަށާއި، މިއީ މިހާރު ބޭނުންކުރާ ފެރީތަކާއި، އެތެރޭގެ އުދުހުންތަކާއި ސީޕްލޭންތަކުގެ ބަދަލުގައި ބޭނުންކުރާނެ އެއްޗެއް ނޫން ނަމަވެސް، އެ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ވަސީލަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ތިރި އުސްމިނުގައި ކުރާ ވައިގެ ދަތުރުފަތުރުގެ އިގުތިސާދުގެ ސަބަބުން އެއާކްރާފްޓް މަރާމާތުކުރުމާއި، އިންޖިނިއަރިން، ޕައިލެޓުންނާއި ޓެކްނީޝަނުން ތަމްރީނުކުރުން، ބެޓެރީ ޓެކްނޮލޮޖީ، ޗާޖިން ވަސީލަތްތައް އަދި އެއާސްޕޭސް މެނޭޖްމަންޓް ފަދަ ދާއިރާތަކުން އާ ސިނާއަތްތަކާއި ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މި ހަރަކާތަކީ އޮކްޓޫބަރު 28 ގައި ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި އާ ޓެކްނޮލޮޖީއާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ކަމެކެވެ. 2022 ވަނަ އަހަރު ޗައިނާގެ ހަންގްޒޫގައި އުފެއްދި ކޫލްފްލައި (ޒެޖިއާންގް) އެއާކްރާފްޓް ޓެކްނޮލޮޖީ ކުންފުންޏަކީ ކޫލްފްލައި އާބަން، ޑްރީމް ޕްރޯ އަދި ޑްރީމް އެސްޓީ ފަދަ އީވީޓީއޯއެލް އުޅަނދުތައް އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ކުންފުންޏެކެވެ. ކޫލްފްލައިގެ އުޅަނދުތަކުން މިހާތަނަށް 50،000 އަށްވުރެ ގިނަ އުދުހުން ވަނީ ފުރިހަމަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ޑެމޮންސްޓްރޭޝަނަކީ ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަންގެ ހިދުމަތް ރަސްމީކޮށް ފެށުން ނޫން ކަމަށާއި، އެފަދަ ހިދުމަތެއް ފެށުމުގެ ކުރިން ސަލާމަތީ މިންގަނޑުތަކާއި، ގަވާއިދުތަކާއި، އުމްރާނީ ވަސީލަތްތަކުގެ އިތުރުން ދިވެހިންގެ ގާބިލުކަން އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ.