ރާއްޖޭގެ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް ކަމުގައިވާ "ޓްރޭޑިއަން"ގައި އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ހިދުމަތްތަކެއް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދޭން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އިމްޕޯޓާއި އެކްސްޕޯޓާ ގުޅުންހުރި ބޯޑަރު ހިދުމަތްތައް އެއް ތަނަކުން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ މި ޕްލެޓްފޯމަށް އޭވިއޭޝަން ހިދުމަތްތައް ގެނައުމަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރު މޯލްޑިވްސް 2.0 ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޓްރޭޑިއަން މެދުވެރިކޮށް އެ ތާރީހުން ފެށިގެން ލިބެން ހުންނާނެ ހިދުމަތްތަކުގެ ތެރޭގައި ޝެޑިއުލްޑް ފްލައިޓްތަކުގެ ހުއްދައާއި އެއާކްރާފްޓް އޮޕަރޭޓާ ސެކިއުރިޓީ ޕްރޮގްރާމް، އެޑްހޮކް ޗާޓާ ފްލައިޓްތަކުގެ ހުއްދަ، ފްލައިޓް ޝެޑިއުލް ހުށަހެޅުމާއި އަޕްޑޭޓްކުރުން، އެއާލައިން އޭޖެންޓުން ކަނޑައެޅުން، ޝެޑިއުލްޑް ފްލައިޓް ލައިސަންސް އާކުރުމާއި ބާތިލުކުރުން އަދި ފްލީޓް އަޕްޑޭޓްކުރުން ހިމެނެއެވެ.
ހިދުމަތް ލައިވްވާ ހިސާބުން ފެށިގެން ވަކި މުއްދަތެއް ވަންދެން ޕެރަލަލް ސަބްމިޝަންގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެ މުއްދަތުގައި އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ ފަރާތްތަކަށް ޓްރޭޑިއަން ޕްލެޓްފޯމް ނުވަތަ މިހާރު ހިދުމަތް ހޯދަމުންދާ އުސޫލުން، ދެ ގޮތުންކުރެ ކޮންމެ ގޮތަކުންވެސް ހިދުމަތަށް އެދެވޭނެއެވެ. ޕެރަލަލް ސަބްމިޝަންގެ ބޭނުމަކީ ޕްލެޓްފޯމް އަލަށް ބޭނުންކުރާ ފަރާތްތައް އެއަށް އަހުލުވެރިކޮށް، އޮންބޯޑިން ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތުދީ، ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭކަން ޔަގީންކުރުމެވެ.
ޕެރަލަލް ސަބްމިޝަންގެ މުއްދަތު ދެމިގެންދާނީ އެ ހިދުމަތްތައް ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށް ހޯދާ ގޮތަށް ރަސްމީކޮށް ބަދަލުކުރާ ތާރީހު އިއުލާނުކުރެވެންދެންނެވެ. އެ ތާރީހު ކަނޑައެޅުމަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށާއި، އެ ތާރީހަށް ފަހު ހިދުމަތް ލިބެން ހުންނާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމުން ކަމުގައި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކަޓް-އޮފް ތާރީހުގެ ކުރިން ޓްރޭޑިއަންގައި ރަޖިސްޓްރީވެ، ހިދުމަތް ހޯދުމަށް ހުއްދަދެވިފައިވާ މުވައްޒަފުން ޕްލެޓްފޯމަށް އޮންބޯޑުކުރުމަށް އެ ދާއިރާގެ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. ޕްލެޓްފޯމާ ގުޅޭ ޓެކްނިކަލް އެހީތެރިކަމާއި ޔޫސާ ގައިޑަންސް ހޯދުމަށް ސަޕޯޓް ހޮޓްލައިން 3334001 ނުވަތަ [email protected] އީމެއިލް ބޭނުންކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ.
ކޮމެންޓް