ކ. ގުރައިދޫގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ބުނީ ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް މިރޭ 8:36 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި 37 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް އަނިޔާވެފައިވާ ކަމަށާއި އިތުރު ފަރުވާއަށް އޭނާ މިހާރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް މި މާރާރީގައި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.